ޗައިނާ ކުންފުންޏެއް ކަމަށްވާ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ޕީޕީއީ އަދި ސިއްހީ އާލާތްތައް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާ ކުރި ތަކެތި ދިވެހި ސަރުކާރުން ވަނީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުވެފައެވެ. މިތަކެއްޗާ ހަވާލުވީ ފޮރިން މިނިސްޓަރު އަންބުﷲ ޝާހިދެވެ.

ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރ ލީ ހުއާންބިން އާއި، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުނެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ބައިވެރިވެވަޑައިގަތެވެ.

ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20 ހާސް މެޑިކަލް މާސްކާއި 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީއެވެ. މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށެވެ. އަދި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޮވިޑް-19 އިން އަރައިގަތުމަށާއި، ކޮވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަށާއި، ޗައިނާ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަކީ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކުރަމުންދާ ކުންފުންޏެވެ.