ކުރިއަށް އޮތް 4 އަހަރު ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނަނެ ބޭފުޅަކީ ޑިމޮކްރަޓިކް ޕާޓިގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނިކުންނެވި، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކަމަށް އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުން ނިންމައިފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައި އޮންނަ ގޮތުން މައިގަނޑު 3 ބަޔަކަށް ވޯޓުތައް ބެހިގެން ދެއެވެ. އެއީ އާންމު ރައްޔިތުން ދޭ ޕޮޕިއުލާ ވޯޓާއި، ސްޓޭޓްތަކުން ހޮވާ އިލެކްޓޯރަލް ކޮލެޖުން ދޭ ވޯޓާއި، ގާނޫނު ހަދާ މަޖިލީހުން ފަހު ބަސް އިއްވާ ވޯޓެވެ.
އިލެކްޓޯރަލް ކޮލެޖުގެ ނިންމުން އައީ ކިހިނެއް؟
ޕޮޕިއުލާ ވޯޓަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އާންމު ރައްޔިތުން ދޭ ވޯޓެވެ. ނަމަވެސް، މި ވޯޓަކީ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާނެ ކެންޑިޑޭޓު ކަނޑައަޅާ ވޯޓެއް ނޫނެވެ.
ރައީސް ކަން ކަށަވަރު ވާނީ، އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތުންނެވެ. ކޮންމެ ސްޓޭޓަކަށްވެސް އާބާދީގެ ނިސްބަތުން އިލެކްޓޯރަލް ވޯޓު ކަނޑައަޅާފައި އޮންނައިރު، ރައީސް ކަން ކަށަވަރުވާނީ މި އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށެވެ. އެމެރިކާގެ ރިޔާސީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ޖުމުލަ އިލެކްޓޯރަލް ވޯޓުގެ އަދަދަކީ 538 އެވެ. އަދި އެންމެ ފުރަތަމަ 270 ވޯޓު ހަމަ ކުރައްވާ ކެންޑިޑޭޓަކަށް ރައީސް ކަން ކަށަވަރު ވީއެވެ. ނަމަވެސް ފަހު ބަސް އިއްވުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށް ކަމަށްވެސް ދެންނެވިދާނެވެ.
އާންމު ގޮތެއްގައި އިލެކްޓޯރަލް ކޮލުގެ ވޯޓަކީ މީހުންގެ މާ ބޮޑު ސަމާލު ކަމެއް ލިބޭ ވޯޓެއް ނޫން ކަމުގައި ވީ ނަމަވެސް، މިހާރު ވެރިކަމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕާއި ޓްރަމްޕްގެ ކެމްޕޭނުން އިންތިހާބަށް ގޮންޖައްސަވަމުން ގެންދަވާ މައްސަލާގައި، އިލެކްޓޯރަލް ކޮލެޖުގެ ވޯޓަށް، ބައިނަލްއަގުވާމީ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ.
އިލެކްޓޯރަލް ކޮލެޖުގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ސިޔާސީ ޕާޓިތަކުން ނޮމިނެޓް ކުރާ މީހުންނެވެ. މި މެމްބަރުންނަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކަމުގައި ވެގެން ނުވެއެވެ. އަދި ސަރުކާރުގެ އޮފީހެއްގެ ހިއްސާވެސް އޮވެގެން ނުވެއެވެ. މިފަހަރުގެ އިލެކްޓޯރަލް ކޮލަޖަށް ބަލާއިރު، ފާހަގަ ކޮށްލެވޭ ވަރުގަދަ ޝަހްސުންގެ ތެރޭގައި ކުރީގެ ރައީސް ބިލް ކްލިންޓަންއާއި އަނބިކަނބަލުން އަދި ކުރީގެ ހާރިޖީ ވަޒީރާއި ރިޔާސީ ކެންޑިޑޭޓް ހިލަރީ ރޯދާމް ކްލިންޓަންވެސް ހިމެނިވަޑައިގަންނަވައެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި އާންމުންގެ ތާއީދު ހޯއްދެވި ބައިޑަން މިހާރު މި ވަނީ، އިލެކްޓޯރަލް ކޮލެޖުގެ ވޯޓުވެސް ކަށަވަރު ކުރައްވާފައެވެ. ބައިޑަން ވަނީ އިލެކްޓޯރަލް ކޮލެޖުގެ 306 ވޯޓު ހޯއްދަވާފައެވެ. ވެރިކަމުގައި ހުންނެވި ޓްރަމްޕަށް ލިބިވަޑައިގަތީ އިލެކްޓޯރަލް ކޮލެހުގެ 232 ވޯޓެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޓޯރަލް ކޮލެޖުން ދިން ވޯޓުގެ އަދަދަކީ، 2016 ވަނަ އަހަރުގެ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވި ސީދާ އަދަދެވެ.
ބައިޑަން ވިދާޅުވީ ކީކޭ؟
އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ކާމިޔާބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ، މިއީ އާ ސޮފުހާއެއް ހުޅުވަންވީ ވަގުތު ކަމަށެވެ.
އެމެރިކާގެ ޑިމޮކްރަސީގެ ދަންމަރު ރޯކުރީ މީގެ އެތައް އަހަރެއް ކުރިން ކަމަށާ، ބަލިމަޑުކަމަކާ، ވެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމަކުންވެސް މި ހުޅުކޮޅު ނިއްވާ ނުލެވޭނެ ކަން އެމެރިކާއަށް ސާބިތު ވެފައި ވާ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. މިމޭރުމުން ބައިޑަން އިތުރަށް ވިދާޅުވީ، ގާނޫނުން ވެރިކަން ހިންގުމާއި، އެމެރިކާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ އަޒުމަށް ކާމިޔާބު ލިބިފައި ވާ ކަމަށެވެ.
ޑެލަވެއާގައި ހުންނަވާ، ތަގުރީރު ކުރައްވަމުން ބައިޑަން ވަނީ ލިބިވަޑައިގެންނެވި ކާމިޔާބީ ދިފާއު ކުރައްވާ، ފާޑުވިދާޅުވުންތަކުން ޓްރަމްޕަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވާފައެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުފުޅުކުރެއްވުމަށް ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދަވާއިރު، އެކަމަށް ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ދެކޮޅު ހެދިކަންވެސް ބައިޑަން ވަނީ ފާހަގަ ކުރައްވާފައެވެ.
ދެން ވާނީ ކިހިނެއް؟
ވޯޓުގެ ނަތީޖާއާ ގުޅޭ މައުލޫމާތު ވޮޝިންގްޓަން ޑީސީއަށް ފޮނުވުމަށްފަހު، ގާނޫނު ހަދާ މަޖިލީހުގެ ޖޮއިންޓް ސެޝަންއެއްގައި ވޯޓު ގުނުމުގެ ރަސްމީ މަސައްކަތް ކުރިއަށް ދާނެއެވެ. ނައިބު ރައީސް މައިކް ޕެންސްގެ ހާޒިރުގައި މިމަސައްކަތް ކުރިއަށް ދާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
މިއާއެކު ޖަނަވަރީ 20 ވަނަ ދުވަހު، މަގާމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު، ބައިޑަންއަށް ތަނަވަސްވެގެންދާނެއެވެ.
އިލެކްޓޯރަލް ކޮލެޖުގެ ވޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކުރައްވާ، ވައިޓްހައުސް އިން ނިކުމެވަޑައިގަންނަވާނެ ކަމަށް، ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ އިންތިހާބީ ނަތީޖާތަކަށް ގޮންޖައްސަވަމުން ކަމަށް ވާއިރު، ފަސޭހަ ގޮތެއްގައި ބަލި ގަބޫލު ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ.