ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލައްވައިފައި ވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި މަޖިލީހުގެ ކޮމިޓީން މިނިސްޓަރު އަމީނާއި ކުރިމަތިކުރި ސުވާލުތަކަށް އިތުރުފުޅު ހައްދަވާފައިވާކަމަށް ގަބޫލުކުރެވޭ ކަމަަށާއި އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލައިގެން މައުލޫމާތު ދީފައިވާ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ވަނީ ބުނެފައެވެ.
އޭގެ އިތުރުން ވެންޓިލޭޓަރު މައްސަލާގައި މައްޗަންގޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ލިޔުމާއި އެއްގޮތަށް ކޮމެޓީގައި ވެސް އަމީން ޖަވާބު ދެއްވި ނަމަވެސް އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން ކޮމެޓީއަށް ދެއްވި މައުލޫމާތާ ހިލާފުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓަށް މިއަދު ހަވީރު އޮންނަ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.