ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފިއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީއަށް ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު ތިން ފަހަރަށް ދައުވާ ކުރަން ޕީޖީގެ އޮފީހަށް ފޮނުވި ކަމަށާއި ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު އޮންނަނީ ޕީޖީއަށްކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ އޭސީސީއަށް އޮންނަނީ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށެވެ. އެ އުސޫލުން ތިން ފަހަރުވެސް ދައުވާކުރަން ޕީޖީއަށް ފޮނުވީ ކުރީގެ ކޮމިޝަން ކަމަށް ނިޝާން ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވިއެވެ.

އަމީން އާއި އަދި އިތުރު އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާއިރު އަދި ތިން މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދައުވާ ކުރުމާ މެދު ގޮތްތަކެއް ދަނީ ހޯދަމުންނެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީން މީގެކުރިން ބުންޏެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.