ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހަމަޖެއްސުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ޖޭޕީއިން މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި އަމީން އެ މަގާމަށް އައްޔަން ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ފަސް އަހަރު ދުވަހު ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ފުރުއްވި އަމީނަކީ ސަރުކާރުގެ ކޯލިޝަނުގައި ޖޭޕީގެ ސްލޮޓަކުން ނޮވެމްބަރު، 2018 އިން އޮކްޓޯބަރު، 2021 އަށް ހެލްތް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެ މަގާމަށް އަމީން ހަމަޖައްސާފައި ވާއިރު ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ރާއްޖޭގައި ކޮވިޑާ ގުޅިގެން ހާލުބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ހަވާލުކުރި މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބުނެ، އަމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވަނީ ތަކުރާރުކޮށް ފޮނުވާފައެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމާފައި ވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.