މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމުހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން އަށް އެ ޕާޓީގެ ސީނިއާ ޓީމެއް ބ އަދި ރ އަތޮޅަށް މިއަދު ފުރައިފިއެވެ.

ޖޭޕީގެ މި ޓީމް ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރަން ހަމަޖެހިފައި ވާއިރު މި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާގޮތާއި މެދު މަޝްވަރާ ކުރާނެ ކަމަށް އެ ޕާޓީއިން ބުނެއެވެ.

ރަށްރަށުގެ ސިޔާސީ މަސްރަހާއި ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް ރަށްރަށުގެ ޓީމްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށާއި ގާސިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައް ވެސް ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށް ޖޭޕީ އިން ވަނީ ބުނެފައެވެ.

ކެމްޕެއިން ޓީމްގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ޕާޓީގެ ޑެޕިއުޓީ ލީޑާ އަދި އުތުރު ކެމްޕެއިން މެނޭޖާ އަމީން އިބްރާހިމް
  • ގާސިމް އިބްރާހިގެ ތަރުޖަމާން އަބްދުﷲ އަމީން
  • ޖޭޕީގެ ލީޑާގެ ސްޕެޝަލް އެޑްވައިޒާ އަބްދުﷲ ނަވާޒް
  • ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑާ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން
  • ޖޭޕީގެ ޒުވާނުންގެ ލީގްގެ ނައިބްރައީށް ޝުއައިބް ޝިފާޒް ޝަރީފް
  • ގޮއިދޫ ދާއިރާގެ ރައީސް އާދަމް ޝާފިއު

ޖޭޕީއިން އިތުރަށް ބުނީ ބ އަތޮޅުގެ އިތުރުން މިހާރު ހއ، އއ، އަދި ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑާގެ އެޑްވައިޒާ ޔަޝްފާ އަބްދުލް ޢަނީގެ ލީޑާޝިޕްގެ ދަށުން މަކުނުދޫ ދާއިރާގެ ރަށްރަށުގައި މިހާރު ކެމެޕެއިން ހަރަކާތްތައް ކުރިއަށް ދާ ކަމަށާއި ކައުންސިލް މެމްބަރު މުހައްމަދު އަލީ އަދި ދާއިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީލާ ރަޝީދު މަތިވެރި ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާކަން ޖޭޕީއިން ވަނީ ފާހަގަ ކޮށްފައެވެ.

މި އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާއިރު އެގޭތެރޭގައި ގާސިމް އިބްރާހިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނެއެވެ. އަދި ޕީޕީއެމް/ ޕީއެންސީއިން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ވަނީ އަރުވާފައެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ނިންމަވާފައި ވާއިރު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ސިގްނަލެއްވެސް ވަނީ ދީފައެވެ.