ޕީޕީއެމްއަށް އޮތް އުއްމީދަކީ، ޖޭޕީގެ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ކަމަށް ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

އަމީނަށް އަމާޒު ކުރައްވައި ޝިޔާމް ވިދާޅުވީ، އަދިވެސް ތިޔަތިއްބެވީ ދިވެހިންގެ ކަނޑުވިއްކާލައި ކޮވިޑުގައި އެތައް ވައްކަމެއްކޮށް ދިވެހި ދައުލަތް ދަރުވާލި "ގައްދާރު" ސަރުކާރާއެކު ކަމަށެވެ. އަދި އަމީންގެ ރިމޯޓު ވެސް އޮތީ ސޯލިހު އަތުގައި ކަން ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ހެޔޮނުވާނެ ޕީޕީއެމްގެ އުންމީދު އަމީން އަޅުގަނޑުމެންނަށް ކިޔައިދެއްވަން ނަހައްދަވާ. އަދިވެސް ތިޔަތިއްބެވީ ދިވެހިންގެ ކަނޑުވިއްކާލާ ކޮވިޑުގައި އެތައް ވައްކަމެއްކޮށް ދިވެހި ދައުލަތް ދަރުވާލި މިޣައްދާރު ސަރުކާރާއެކު. މަނިކުފާނުގެ ރިމޯޓުވެސް އޮތީ ސޯލިހު އަތުގައި. މީވަރަށް ވާހަކަ.
ޝިޔާމް

ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއަށް މި އިންތިހާބުގައި އެންމެ ރަނގަޅު ގޮތަކީ ޖޭޕީގެ ފަހަތަށް އެރުން ކަމަށެވެ.

އަޅުގަނޑު ދަންނަވާނީ ޕީޕީއެމްއަށް އޮތް އުންމީދަކީ ޤާސިމް އިބްރާހީމޭ. ސަބަބަކަށް ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް މިވަގުތު ދިމާވެފައި ހުރި ހާލަތުން މިންޖުވުމަށްޓަކައި, އަރައިގަތުމަށްޓަކައި އެ ބޭފުޅުން އެދޭފަދަ މިންޖުވުމަކަށް ދެވެން އޮތީ ޤާސިމާއެކު
އަމީން

ޤައުމަށްޓަކައި ތިމާ ކުރިޔަށް ޖެހެންވާ ވަގުތުތަކާއި, ކުޑަކޮށް ފަހަތަަށް ޖެހިލަންވާ ވަގުތުތައް އަންނާނެ ކަމަށާއި މީގެ އެންމެ ރީތި މިސާލަކީ ޤާސިމް އިބްރާޙީމް ކަމަށެވެ. އަދި މިފަހަރަކީ ގާސިމް އިބްރާހީމް ދެތިން ފިޔަވަޅު ކުރިޔަށް ޖެހިވަޑައިގަންނަވަން ވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައި ވާ ކަމަށެވެ.

3 ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭ ފޯމިއުލާއަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސް ނުވާނަމަ އެ 3 ޕާޓީންވެސް ވަކިން ވާދަ ކުރާނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އެކަމުގައި އެ 3 ޕާޓީއަށް އެއްވިސްނުމެއް ނެރެވިފައި ވާ ކަމަށާއި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުމަށް 3 ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އެހެން ކަމުން އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި ނަމަވެސް ދަ ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހަމަޖެއްސުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.