ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަވަހަށް އިންސާފު ލިބުމަކީ ކާމިޔާބު 5 އަހަރަކަށް ވަރަށް މުހިންމު ކަމެއް ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީނަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ވަޒީރު ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރުމުން ނިކުމެ ވަޑައިގެން، ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަން ދެން ނޯންނާނެ ކަމަށް އޭރު ވިދާޅުވި ބޭފުޅެކެވެ. މިއަދު ރާގު ބަދަލުވެ ޔާމީންގެ ކާމީޔާބީ ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާއިރު، އޭރު އަމީން ހިމެނޭހެން ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ކުރީގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލުވެސް ވަކި ކޮށްފައި ވެއެވެ. ޑރ. ޖަމީލަކީ އޭރު ސަރުކާރުގެ ނައިބު ރައީސް އެވެ. އެބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގެން އަނބުރާ މިހާރު އަލުން ޕީޕީއެއްގައި ތިއްބެވި އިރު، އަމީން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

ރޭ ޖޭޕީއިން ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް ތަރުތީބު ވުމަށް އަދި ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމުގައި ޒިންމާދާރު ފަރާތްތަކުން އަވަސްމިނެތްގައި ޕީޕީއެމް ރިޔާސީ ކެނޑިޑޭޓަށް އިންސާފު ހޯދައިދިނުން މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް ތަރުތީބު ވުމަށް އަދި ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް"
އަމީން

އަމީން ވިދާޅުވީ ގާސިމްގެ މި ފަހަރުގެ މެނިފެސްޓޯ ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށާއި ފެނިގެންދާނެ ހަގީގަތުގައި ހާސްކަން ފިލާވަރުގެ ކަންކަން ކަމަށެވެ.

ގާސިމްގެ ވެރިކަމެއްގައި ހުވަދު އަތޮޅު ވެގެންދާނީ ފަތުރުވެރިކަމުގެ ވަރަށް ވަރުގަދަ ހަބަކަށް ކަމަށާއި ދަތުރުފަތުރުގެ ވަރުގަދަ މަންޒިލަކަށް އަދި ވަޒީފާ އުފައްދާދޭނެ އާ މަންޒިލަކަށް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުތުރަކީ ވަޒީފާގެ ވަރަށް ވަރުގަދަ ބާޒާރަކަށް ވެގެންދާނެ ކަމަށާއި އެއީ މިހާތަނަށް އެތައް ބަޔަކު ވައުދުވެ، ހަގީގަތަށް ވެފައި ނެތް ޓްރާންޝިޕްމަންޓް ބަނދަރާއި ތަރައްގީގެ ހަގީގީ ކާމިޔާބީ ގާސިމްގެ ވެރިކަމެއްގައި އެ ހިސާބަށް ގެނެސް ދެއްވާނެތީ ކަމަށް ވެސް އަމީން ވަނީ ބިދާލުވެފައެވެ.

އަމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެން ވާދަކުރައްވަން ހުރި ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެ ކަމަށާއި ރާއްޖޭގެ ރިޔާސީ އިންތިހާބު ރައްޔިތުންނަށް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ފޯމިއުލާ ނެރެދެއްވި ބޭފުޅަކީ ގާސިމް ކަމަށެވެ. އަދި ގާސިމް ވެސް ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތައްވެސް ވާދަކުރައްވަނީ އެމްޑީޕީއާ ކަމަށާއި އެމްޑީޕީއަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ މުގުލުގައި ހުންނެވި ބޭފުޅަކީ ގާސިމް ކަމަށް އަމީން ވިދާޅުވިއެވެ.

ގާސިމް ނެތި އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެމްޑީޕީއަށް އޮތް އުންމީދު މި ފަހަރު ކުރީ ފަހަރުހަށް ވުރެ ކުޑަ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.