ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ މިއަދު އިޝާރާތް ކުރައްވައިފިއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ރެކޯޑް އަދަދުތަކުން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު ވަނީ، އިންޑިއާއިން ތައްޔާރު ކުރާ ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނީ އެ ގައުމަށް ކަމަށް ވިދާޅުވެފައެވެ. އަދި މި ވެކްސިން ދިނުމުގައި އިސްކަން ދޭނީ ސިއްހީ ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުންނަށް ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ނިސްބަތުންވެސް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުން ދަނީ އިންޑިއާއިން ކަމުގައި ވީ ނަމަވެސް، މި ބަލީގައި މީހުން މަރުވާ ރޭޓް ކޮންޓްރޯލް ކުރެވިފައި ވާ ކަން މޯދީ ވަނީ، ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފާހަގަ ކުރައްވާފައެވެ.
ވެކްސިނާ ބެހޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން މޯދީ ވިދާޅުވީ، ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ބޮޑު ޔަގީން ކަމެއް ސައެންސްވެރިންގެ މެދުގައިވެސް އެބަ އޮތް ކަމަށެވެ. މުޅި ދުނިޔެވެސް އިންތިޒާރު ކޮށްގެން އޮތީ، އަގު ހެޔޮ އަދި ރައްކާތެރި ވެކްސިނަކަށް ކަމަށާ، މުޅި ދުނިޔެވެސް އިންޑިއާއަށް ފާރަވެރިވެ އޮތީ އެ ސަބަބާ ހެދި ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ވެކްސިން ތައްޔާރު ވާނެ ކަމަށާ، ސައެންސްވެރިން ފެހި ސިގުނަލް ދިނުމާއެކު ވެކްސިން ދިނުމުގެ މަސައްކަތް، އިންޑިއާގައި ފަށާނެ ކަމަށެވެ. ސިއްހީ ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުންނަށް އިސްކަން ދޭއިރު، ދޮށީ އުމުރުގެ މީހުންގެ ތެރެއިންވެސް ސީރިއަސް ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މޯދީ ވިދާޅުވީ، ތަރައްގީގެ އެކި މަރުހަލާތަކުގައި އޮތް 8 ވެކްސިނެއް، ސިނާއީ ފެންވަރުގައި އިންޑިއާގައި އުފެއްދުމަށް ހަމަޖެހިފައި ވާ ކަމަށެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިންވެސް 3 ވެކްސިނެއް ތަރައްގީ ކުރަމުން އަންނައިރު، މި ވެކްސިންތައްވެސް އޮތީ އެކި މަރުހަލާތަކުގައެވެ.
މޯދީ އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމާ ގުޅޭ ލޮޖިސްޓިކްސްގެ ކަންކަމާ މެދުވެސް އެ ގައުމުން ވިސްނަމުން އަންނަ ކަމަށެވެ.
އިންޑިއާއިން ދަނީ ވެކްސިން ދިނުމުގެ މަޝްރޫއަށް ހާއްސަކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ސިއްހީ ދާއިރާގެ ފަންނުވެރިން ތަމްރީނު ކުރަމުންނެވެ. ވެކްސިން މަޝްރޫއަށް ސިއްހީ ދާއިރާގެ ފަންނުވެރިން ތަމްރީނު ކުރުމަށް އިންޑިއާއިން ހިންގާ މަޝްރޫއުގައި ދިވެހިރާއްޖޭގެ ޓީމެއްވެސް ދަނީ ބައިވެރިވަމުންނެވެ.
އިންޑިއާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިންގެ މަޝްރޫއު ކުރިއަށް ދާ ގޮތް ވިލަރެސް ކުރުމަށް ހާރިޖީ މަންދޫބުންގެ ވަފުދެއް ހަރަކާތްތެރިވާނެކަން އެ ގައުމުން ވަނީ ހާމަކޮށްފައެވެ.