މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކުޖެހިނަށް އާ ވެކްސިން ޖަހަމުން ދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ޖެހި މައްސަލައެއް ފެންމަތިވެފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު ޖަހާފައިވާ ވެކްސިން އަކީ މިއަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކަމަށް ހެލްތް މިނިސްޓްރިން ވަނީ ބުނެފައެވެ. ނަމަވެސް އޭރު މުއްދަތު ހަމަވެފައި ހުރި ވެކްސިން ދެވުނީ ކިތައް ކުޖެހިނަށް ކަން އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ޖަހަމުން ހެލްތް މިނިސްޓްރީން ބުނީ، ކުރިން މުއްދަތަު ހަމަވެފައި ހުރި ވެކްސިން ޖެހި ކުޖެހިނަށް އަންނަނީ އާ ވެކްސިން ޖަހަމުން ކަމަށެވެ. އެގޮތުން މިއަދު ވެކްސިން ޖަހާފައި ވަނީ އެ ގޮތަށް ވެކްސިން ދިނުމަށް ހަމަޖެއްސި އެންމެ ފަހުގެ ބެޗްގެ ކުޖެހިނަށް ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިއަދު ހެލްތް މިނިސްޓްރީން މައުލޫމާތު ޖެހި އިރުވެސް އޭރު މުއްދަތު ހަމަވެފައިވާ ވެކްސިން ދެވުނީ ކިތައް ކުޖެހިނަށް ކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ އޭރު ތަހުގީގު ކުރުމަށް ފަހު އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށާއި، ވިލިމާލެ ހޮސްޕިޓަލުގެ ބައެއް ސްޓާފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭރު ކުޖެހިނަށް ޖަހާފައި ވަނީ މުއްދަތު ހަމަވެފައި ހުރި ޕޯލިއޯ ވެކްސިނެވެ.