ރޯދަ މަހު އުމްރާއަށްދާ މީހުންނަށް މެނިންޖައިޓިސް ވެކްސިން ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށް ދަމަނަވެށިން ބުނެފިއެވެ.

ރޯދަމަހު އުމްރާއަށް ދިއުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ފައިސާ ދައްކާފައިވާއިރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ދިއުމަށް ކޮންމެ މީހަކުވެސް ޖަހަން ޖެހޭ މެނިންޖައިޓިސް ވެކްސިން ނުޖެހިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޯދަ މަހުގެ ފުރަތަމަކޮޅާއި ފަހުކޮޅުވެސް ގިނަ ބަޔަކު އުމްރާއަށްދާއިރު ރޯދަ މަހުގެ ކުރިން އުމްރާއަށް ގިނަ ބަޔަކުދެއެވެ. އަތޮޅު ތެރެއިން އެ ވެކްސިންތައް ފުރިހަމަ ކުރުމަށްޓަކައި ގިނަ ބަޔަކު މާލެ އައިސްފައިވާއިރު މި ވަގުތު ޖަހަމުން ދަނީ ދަމަނަވެއްޓަށް ލިބިފައިވާ މަދު އަދަދެއްގެ ޑޯޒްތަކެކެވެ.

ގިނަ އުމްރާ ގްރޫޕްތަކުން މި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ ނިންމަން އަންގާފައިވާއިރު ދަމަނަވެށިން އިއްޔެ ބުނީ މި ހަފްތާ ތެރޭގައި މެނިންޖައިޓިސް ވެކްސިން ލިބޭނެ ކަމަށެވެ. އެހެންނަމެސް މިއަދު ދަމަނަވެށިން ބުނީ އެ ވެކްސިން ލިބެން ހަފްތާއެއް ވަރު ނަގާނެ ކަމަށާއި މިހާރު ޖަހަމުންދަނީ ރޯދަ މަހުގެ ކުރިން އުމްރާއަށްދާ މީހުންނަށް ކަމަށެވެ. އަދި ރޯދަ މަހު އުމްރާއަށްދާ މީހުންނަށް އެ ވެކްސިން ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް މިއަދު ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް އެ މިނިސްޓްރީގެ ތަރުޖަމާން އައިމިނަތު ސަތުފާ ބައެއް މީޑިއާތަކަށް ވިދާޅުވީ ވެކްސިން ލިބުމުގައި ދަތިތަކެއް ދިމާވަނީ އެސްޓީއޯގެ ލޮޖިސްޓިކްސްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.