މި އަހަރު ރޯދަ މަހުގެ ތެރޭގައި އުމްރާ އަށް ފުރާ ފަރާތްތަކުން ޖަހަން ޖެހޭ ވެކްސިން މި މަހުގެ 22 ގެ ކުރިން ޖަހާ ނިންމަން ސަރުކާރުން އަންގައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ދަމަނަވެށިން މިހާރު ވެކްސިން ލިބެން ހުންނާނެ ކަމަށާއި އެކަމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އެހެންކަމުން ރޯދަ މަހު އުމާރާއަށް ފުރާ ފަރާތްތަކުން ފުރިހަމަ ކޮށް ނިންމަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން ޖަހަން ޖެހޭ ވެކްސިންގެ ތެރެއިން ޕޯލިއޯ ވެކްސިނަކީ ރޯދަ މަހު ދުވާލު ދެވޭނެ ވެކްސިނަކަށް ނުވާތީ އެ ވެކްސިން ދޭނެ ދެ ރެއެެއް މިއުވާން ހިއްސާ ކުރެއްވިއެވެ.

އެ ގޮތުން ވެކްސިން ދޭ ދަމަނަވެއްޓާ ހަވާލާ ދީ މިއުވާން ވިދާޅުވީ، މާޗް މަހުގެ 30 ވާ ބުރާސްފަތި ދުވަހާއި އޭޕްރީލް މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 އިން 10:30 އާ ދެމެދު މި ވެކްސިން ދަމަވެށިން ދޭނެ ކަމަށެވެ.

ޕޯލިއޯ ވެކްސިނަަކީ އަނގައަށް ދޭ ވެކްސިނެއް ކަމުން ރޯދަމަހު ރޯދައަށް ހުންނަ ވަގުތު މި ވެކްސިން ނުދޭނެ ކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.