ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ)ގެ އެތައް ހާސް ކޭސްއަކުން ރައްކާތެރިވުމަށް އެންމެ ފަހުން ވެކްސިނެއް ހަދައިފިއެވެ.

ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ 60 އަހަރުން މަތީގެ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް އުފެއްދި އާރްއެސްވީ ވެކްސިނަށް ހުއްދަ ދީފިއެވެ.

އާރެކްސްވީ އުފައްދާ ފާމަސޫޓިކަލް ކުންފުނި ގްލެކްސޯ ސްމިތް ކްލައިން (ޖީއެސްކޭ)ގެ ކްލިނިކަލް ޓްރަޔަލް ޑޭޓާއިން ދައްކާ ގޮތުގައި މި ވެކްސިނަކީ އުމުރުން 60 އަހަރުން މަތީގެ ބޮޑެތި މީހުންނަށް ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ކާމިޔާބު ވެކްސިނެކެވެ.

ސައިންސްވެރިން ބުނީ ވެކްސިންގެ އެއް ޑޯޒް ޖެހި 12467 ބައިވެރިންގެ ތެރެއިން ނޭވާލާ ނިޒާމުގެ ބަލި ޖެހިފައި ވަނީ އެންމެ 7 މީހަކަށް ކަމަށާއި، ކޮންޓްރޯލް ގުރޫޕުން ޕޮޒިޓިވްވި 40 މީހުންނާ އަޅާބަލާއިރު، 82.6 ޕަސެންޓް މީހުން ބަލި ޖެހުމުން ސަލާމަތްވެފައިވާ ކަމަށެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ޑިވިޝަން އޮފް އިންފެކްޝަސް ޑިޒީޒް އެންޑް ޖިއޮގްރަފިކް މެޑިސިންގެ މެޑިސިންގެ ޕްރޮފެސަރު ޑީން އެލް ވިންސްލޯ ބުނީ މިއީ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.

އާރުއެސްވީ ނުވަތަ ނޭވާލާ ނިޒާމަށް ޖެހޭ ބަލި ތަމްސީލު ކޮށްދޭ ތަސްވީރެއް

އާރްއެސްވީ އަކީ ކޮބައި ހެއްޔެވެ؟

އާރުއެސްވީ އަކީ އާންމުކޮށް ރޯގާއާ އެކު ފެތުރެމުންދާ މޫސުމީ ވައިރަހެކެވެ. އޭގެ ސަބަބުން ނޭފަތުން އަރުދަފުސް ފޭބުމާއި، ކެއްސުމާއި، ނޭވާހިއްލުން އަދި ހުން އައުން ފަދަ އަލާމާތްތައް ފެނިދާނެއެވެ. އާދައިގެ ރޯގާ ފަދައިން ގިނަ ބަޔަކަށް މިބަލި ޖެހި، ގިނަ މީހުން އަމިއްލައަށް ރަނގަޅުވެސް ވެއެވެ. ނަމަވެސް އާރްއެސްވީގެ ސަބަބުން ނާޒުކު އާބާދީތަކުގައި ބޮޑެތި ބަލިތަކާއި މައްސަލަތައް ކުރިމަތިވެދާނެ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި ތުއްތު ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ބޮޑެތި މީހުންނަށް އަސަރުކުރާ މިންވަރު އިތުރުވެދާނެއެވެ. ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް ބަލީގެ ބުރަ އެންމެ ބޮޑީ މި ހައި ރިސްކް އާބާދީތަކުގައެވެ.

ކޮވިޑަށް ފަހު މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާރްއެސްވީ އިންފެކްޝަން މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންފްލުއެންޒާ އާއި އާރްއެސްވީ ރޭޓް މަތިވަމުން ދާތީ، އަންނަ އަހަރު އާންމު ހާލަތަށް އަންނާނެ ކަމުގެ ޔަގީންކަމެއް މާހިރުންނަކަށް ނެތެވެ. އެހެންކަމުން، ނާޒުކު އާބާދީތަކަށް އާރްއެސްވީ ވެކްސިނެއް ދިނުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ސީރިއަސް އަލާމާތްތަކާއި ބަލީގައި މަރުވާ މީހުން ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.

މީހެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހަނީ

އާރްއެސްވީ ވެކްސިނަކުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ލިބޭނެގޮތް

އާރްއެސްވީ އިންފެކްޝަނަކީ އާންމުގޮތެއްގައި ހުމާއި ރޯގާ ފަދަ އަލާމާތްތަކާ އެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރި ބޮޑު މީހަކު އާންމުގޮތެއްގައި އާރްއެސްވީ އިން ރަނގަޅުވާނީ ދުވަސްކޮޅެއް ވަންދެން ގޭގައި އަރާމު ކޮށްގެންނެވެ. ނަމަވެސް އުމުރުން 65 އަހަރުން މަތީގެ ބޮޑެތި މީހުންނަށް، ހާއްސަކޮށް ސިއްހީ ހާލަތެއް (ހިތާއި ފުއްޕާމޭގެ ބައްޔެއް ފަދަ) ހުންނަ މީހުންނަށް އާރްއެސްވީ އިންފެކްޝަނަކީ ނުރައްކާތެރި ބައްޔަކަށް ވެދާނެ އެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ އިތުރު ނުރައްކާތަކުގެ ތެރޭގައި ނިއުމޯނިއާ ޖެހުމާއި، ނޭވާ ހިއްލުމާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ހުންނަ މީހުންގެ އަލާމާތްތައް ގޯސްވުމުގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށިވެގެން ގޮސްދާނެއެވެ.

ޖީއެސްކޭ އިން އުފައްދާފައިވާ މި ވެކްސިން ފަރުމާކޮށްފައި ވަނީ ސީރިއަސް ބަލިތައް ކުޑަކޮށް، 60 އަހަރުން މަތީގެ މީހުންނަށް އާރްއެސްވީ ރައްކާތެރި ކޮށްދޭ ގޮތަށެވެ. ޖީއެސްކޭގެ ޔޫއެސް މެޑިކަލް އެފެއާޒްގެ ވައިސް ޕްރެޒިޑެންޓް އަދި ވެކްސިން ތެރަޕިއުޓިކް އޭރިއާ ހެޑް، އެމްޕީއެޗްގެ އެމްޑީ ޓެމީ ފޯލަރަންމީ ބުނި ގޮތުގައި މި ވެކްސިންގެ ސަބަބުން ސީރިއަސް ބަލިތަކާއި، ހޮސްޕިޓަލްގައި އެޑްމިޓްކޮށް މަރުވާ ރޭޓް ދަށްވެ، އާރްއެސްވީގެ ބޮޑު ބުރައެއް ކުޑަކުރެވޭނެއެވެ.

"އަހަރެމެންގެ ކްލިނިކަލް ޓްރަޔަލްގައި މި ވެކްސިނުން ބައި އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރައްކާތެރިކަން ފޯރުކޮށްދިން، މިއީ މަދުވެގެން މުޅި އާރްއެސްވީ މޫސުމުގައި މީހުން ހިމާޔަތްކުރުމުގެ ގާބިލުކަމަށް އެހީތެރިވެދޭ ވެކްސިނެއް."
ޓެމީ ފޯލަރަންމީ

ޖީއެސްކޭއިން ދަނީ އަހަރީ ވެކްސިން ޝެޑިއުލް ކަނޑައެޅުމަށާއި ގިނަ މޫސުންތަކުގައި ދިގު މުއްދަތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ.

ވެކްސިނުން އެއްވެސް ސައިޑް އިފެކްޓެއް އަންނާނެތަ؟

ކްލިނިކަލް ޓްރަޔަލްގެ ބައިވެރިންގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކުރި ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިމެނެނީ އިންޖެކްޝަން ޖެހިތަނުގައި ރިއްސުމާއި، ވަރުބަލިވުމާއި، މަސްތަކުގައި ރިއްސުމާއި ހުޅުތަކުގައި ރިއްސުމެވެ.

އާރްއެސްވީ ވެކްސިން އެހެން އުމުރުފުރާގެ މީހުންނަށް ޖެހުމަށްވެސް ކްލިނިކަލް ޓްރަޔަލްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ކުޑަކުދިންނާއި މާބަނޑު މައިންނަށް މި ވެކްސިން ދިނުމަށް ބޭނުންވާ ޓްރަޔަލްތައް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އޭގެ ނަތީޖާވެސް ވަރަށް އުންމީދީ ކަމަށް ރިޕޯޓުތައް ބުނެއެވެ.