ދިވެހި ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ބަލި ޖެހުމުން ބޮޑުވަރު ވުމުން ދުރުކޮށްދޭ ފައިޒާ ވެކްސިން ޖަހަން ފަށައިފި ކަމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދޭ ފައިޒާ ވެކްސިން މާލޭގެ ވެކްސިން ސެންޓްރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލް އިން މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ އެޖެންސީ އިން ހާމަކުރިއެވެ. އަދި މި ވެކްސިން އަކީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަނުން މި އުމުރުފުރާގެ ކުދިންނަށް ދިނުމަށް ލަފާ ދީފައިވާ ވެކްސިނެކެވެ.
މާލެ ސަރަހައްދުގައި މި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ތިން ސަރަހައްދަކީ:
- އައިޖީއެމްއެޗް އިން ކޮންމެ އާދިއްތަ ދުވަހެއްގެ 09:00 އިން 12:00 އަށް
- ހުޅުމާލެ ހޮސްޕިޓަލް އިން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށް
- ދަމަނަވެށި އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް
މީގެ އިތުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިންއާއި ބޫސްޓާ ޖެހެން ހުންނާނެ ކަމަށާއި ފައިޒާ ވެކްސިންގެ ޑޯޒްތައް ހަމަނުކުރާ މީހުންގެ އިތުރުން ބޫސްޓާ ޑޯޒް ނުޖަހާ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
މިހާތަނަށް ރާއްޖޭގައި ޖުމްލަ 185،723 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އަދި 12 އަހަރުން މަތީގެ 399،178 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 385،099 މީހުން ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައި ވާއިރު 167.635 މީހުން ވަނީ ފުރަތަމަ ބޫސްޓާ ޑޯޒް ޖަހާފައެވެ. ޖުމްލަ 1523 މީހުން ދެވަނަ ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ކޮވިޑް 19 ޖެހެމުންދާ މީހުން ބޮޑު ތަނުން މަދުވި ނަމްވެސް ވެކްސިން ޖަހާ، ފަރުދީ ޒިންމާ އަދާ ކުރުމަށް އެޗްޕީއޭ އިން އަންނަނީ ގޮވާލަމުންނެވެ.