ހިލޭ ތަމްރީނު ފްރޮގުރާމުތައް ހިންގަން ޕްރައިވެޓް ކޮލެޖުތަކަށް ނުދޭތީ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެތަކެއް ޕްރައިވެޓް އިންސްޓިޓިއުޓުތައް ހިންގަމުން ދަނިކޮށް، އެފަރާތްތަކަށް އެ ފުރުސަތު ހުޅުވާނުލައި ހަމަ އެކަނި ސަރުކާރުގެ އިންސްޓިޓިއުޓު، ޕޮލީޓެކްނިކް އަށް ދޭ އުސޫލު ގެންގުޅުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ.

ޝަރީފު އެ ޓްވީޓު ކުރައްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ މުސްތަފާ ލުތުފީ އަދި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ އިބްރާހީމް ހަސަން ޓެގު ކުރައްވާފައެވެ.

ޝަރީފު އެހެން ވިދާޅުވެފައި ވަނީ މިހާރު ޕޮލީޓެކްނިކުން ކުރިއަށް ގެންދާ ހިލޭ ކޯސްތަކާ ގުޅިގެންނެވެ.

ޝަރީފު އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވައިފައި ވާއިރު ސަރުކާރުން ވަނީ މީގެ ކުރިން ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގަން އަމިއްލަ ކޮލެޖުތަކަށް ވެސް ދީފައެވެ.

ޕޮލީޓެކްނިކުން ހިންގާ ކޯސްތައް ފިޒިކަލް ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަ މަސް ދުވަހަށް ގެންދާ އެ ހުރިހާ ޕްރޮގްރާމެއްގެ ފީ ހިލޭ ވާނެ ކަމަށް ޕޮލީޓެކްނިކުން ވަނީ ބުނެފައެވެ.

އެޕްރޮގްރާމްތަކުގެ ތެރޭގައި، ޓުއާ ގައިޑާއި ފޮޓޯގްރަފީ އާއި އާޓް ސްކިލްސް އާއި ކާޕެންޓްރީ އާއި އޮޓޮމޯޓިވް މެއިންޓަނެސް އާއި ޕްރޮގްރާމިން އަދި އައިޓީ ޓެކްނީޝަން ހިމެނެއެވެ.