ގައުމީ ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. އުތީމުގައެވެ. މާދަމާ ހެނދުނު 09:30 އެ ޖަލްސާ ފެއްޓުމަށް ހަމަޖެހިފައި ވާއިރު އެޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވީޑިއޯ މެދުވެރިކޮށް ހިތާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ޖަލްސާގެ ޝަރަފުވެރި މެހެމާނު ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދުޔޫސުފް ވެސް ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19ގެ ސަބަބުން، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ ގައުމީ އިނާމު، މިއަހަރު ދިނުން ވަނީ ފަސްކޮށްފައެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލް ކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.