މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާ ގެނައުމަށް ގާނޫނު ހަދާ މަޖިލީހުން ތާއީދު ކުރާ މެމްބަރުންގެ ވަނަވަރަކީ، ފުލުހުން "ކަންބޮޑުވާންޖެހޭ" ކަމެއް ނޫން ކަމަށް، މެލޭޝިއާގެ އިދިކޮޅު ސިޔާސީ ޝަހްސު، އަދި ބޮޑުވަޒީރު ކަމުގެ މަގާމަށް ފައިވިއްދަވާފައި ހުންނެވި ޕީކޭއާރްގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރު ވަނީ، މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާ ވަޑައިގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ 121 މެމްބަރަކު ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލުތައް، މެލޭޝިއާގެ ރަސްގެފާނާއިވެސް ހިއްސާ ކުރައްވާފައެވެ.

އަންވަރު ވިދާޅުވީ ފުލުހުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާފައި ވާނެ ކަމަށެވެ. ނަމަވެސް ފަހުމްވެވަޑައިނުގަންނަވާ ކަމަކީ، މަޖިލީހުން އޭނާއަށް ތާއީދު ކުރައްވާ 121 މެމްބަރެއްގެ ވަނަވަރު ހޯދުމަށް ފުލުހުން އުޅެން ޖެހޭ ސަބަބެއް ކަމަށެވެ.

އެގޮތުން ތާއީދު ކުރައްވާ މެމްބަރުންގެ ވަނަވަރަކީ ފުލުހުންގެ އިތުރުން، އެ ވަނަވަރު ހޯދުމަށް އިރުޝާދު ދެއްވި ވަޒީރަކުވެސް އެކަމަކާ ވިސްނަވަންޖެހޭނެ ކަމެއް ނޫން ކަމަށް ފުލުހުންނަށް ދަންނަވާފައި ވާނެ ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް / ފޮޓޯ: ފައިނޭންޝަލް ޓައިމްސް

މަޖިލީހުގެ 120 އަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު އޮތް ކަމަށް ސާބިތު ކޮށްދިނުމަކީ ކޮންމެ ޕާޓީއެއްގެ ރައީސަކުވެސް ކުރައްވާނެ ކަމެއް ކަމަށާ، އެ މެމްބަރުންގެ ވަނަވަރު ފުލުހުންނަށް ތަފްސީލުކޮށްދިނުމަށް އެއްބާރުލުން ނުދެއްވާނެ ކަމަށްވެސް އަންވަރު ވަނީ ވިދާޅުވެފައެވެ.

ފުލުހުންނަށް ސިޔާސީ އިންޒާރުތަކެއް ދީފައި ވާކަމަށާ، މިއީ ސިޔާސީ ގޮތުން އޭނާއަށް ކުރިމަތިކޮށްފައިވާ ފުރައްސާރައެއް ކަމަށްވެސް އަންވަރު ވަނީ ސިފަކުރައްވާފައެވެ. އެގޮތުން، ތާއީދު ކުރަނީ ކޮން މެމްބަރުންނެއްތޯ ފުލުހުން ބަލަން ނުޖެހޭ ކަމަށްވެސް އަންވަރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވާ އިރު، އެކަމާ ބެހޭ ގޮތުން އޭނާއާ މަޝްވަރާތަކެއް ހިނގާފައި ނުވާކަމަށްވެސް އަންވަރު ވަނީ ވިދާޅުވެފައެވެ. "ފުލުހުންނާއެކު އަވަދިނެތި" އުޅެންޖެހުމުގެ ސަބަބުން އެކަމުގެ މަޝްވަރާތަކެއް އޭނާއާއި އަދި ކުރެވިފައި ނުވާކަމަށް އަންވަރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް އަންވަރު ވަޑައިގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ 120 އަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު އެބައޮތް ކަމަށް އަންވަރު ވިދާޅުވުމާއެކު، މެލޭޝިއާގެ އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުން، އަންވަރާ ދެކޮޅަށް ފުލުހުންގެ އިދާރާއަށް މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ.