ސަންވޭ ގްރޫޕުގެ ފައުންޑާ އަދި ޗެއާމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ތައުލީމާއި ސިއްހީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ހާއްސަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ މުއާމަލާތްތަކާއި އަދިވެސް އެހެނިހެން މިދާއިރާއާއި ގުޅުންހުރި ކަންކަމުގެ މައުލޫމާތު ސާފުކުރައްވާފައެވެ. މީގެއިތުރުންވެސް، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައި، ރަސްމާލޭ މަޝްރޫއާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތަކާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރާއި، މިހާރު ކުރިއަށްދާ އިރުގެ ހަކަތައިގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ވަޒީރުންގެ ވާހަކަފުޅުގައި، މިދިޔަ ޑިސެމްބަރު މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ގާނޫނާއެކު އިންވެސްޓަރުންނަށް، ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ފާގަތި ކުރިމަގަކަށް އުއްމީދު އައުކުރައްވަމުންނެވެ.