ރައީސުލްޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދައުވަތަށް، ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައި ވަނީ އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ކުރިއަށްގެންދިޔަ 'މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް 2025' ގައި ތަގުރީރުކުރައްވައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވިއެވެ.
މެލޭޝިއާއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ. އެ ހަފުލާގައި، ރައީސް ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވާ އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާހްކޮށްދެއްވިއެވެ.
މި ދަތުރުފުޅުގެ އުސްއަލިތަކުގެ ތެރޭގައި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) ގެ ފަރާތުން ރައީސްއަށް، "އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރު އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުން ހިމެނެއެވެ. މި އޮނޮރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ގަބޫލުފުޅުކުރައްވައި ރައީސް ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން،" މި މައުޟޫއަށް ތަގުރީރުކުރައްވާފައެވެ.