މެލޭޝިއާގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް ޣައިބަށް ށް ކުރެވޭ ކަށު ނަމާދު މި އަނަން ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހު، ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ.

ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާއަށް ވަޑައިގަތްތަނާ އިއްޔެގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ޝެއިހް ފަރީދުގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ނުގެނެސް ޝެއިހްގެ ޖަނާޒާ ވަނީ މިއަދު މެލޭޝިއާގައި ބާއްވާފައެވެ.

ފަރީދުގެ ކަށުނަމާދު އޮތީ އެ ގައުމުގެ ގަޑިން މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. އަދި ފަރީދުގެ ހަށިގަނޑު ވަޅުލާފައިވަނީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.