އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަށް އެކުލަވާލި އެއްބަސްވުމަކީ، އިސްރާއިލާއި ފަލަސްތީނާ ދެމެދު ދިގުލާ ގޮސްފައިވާ މައްސަލަ ހައްލު ކުރުމަށް، ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެނިވި އެއްބަސްވުމެއް ކަމަށް ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މައި އިދާރާގައި ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދާ 75 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި، ވީޑިއޯ މެދުވެރި ކުރައްވާ ބަހްރައިންގެ ފަރާތުން ތަގުރީރު ކުރައްވަމުން އެ ގައުމުގެ ރަސްގެފާނު ވަނީ، 2002 ވަނަ އަހަރުގެ އަރަބް ޕީސް އިނިޝިއޭޓިވް އާއި، ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ގަރާރުތަކާ އެއް ގޮތަށް މެދުއިރުމަތީގެ މައްސަލައަށް ހައްލު ހޯދުމަށް ގޮވާލައްވާފައެވެ. އެގޮތުން ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނު އުފެދުމާ، ފަލަސްތީނުގެ ވެރި ރަށަކީ އިރުމަތީ ގުދުސްކަމުގައި ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހި ކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ހަމަދު ރަސްގެފާނު ވަނީ ގޮވާލައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ބަހްރައިންގެ ރަސްގެފާނު ވިދާޅުވީ، އިސްރާއީލާއެކު ގުޅުން ބަދަހި ކުރި ކުރުމަކީ، ސުލްހައްޓަކައި ދެވުނު ސާފު މެސެޖެއް ކަމަށެވެ. މި އެއްބަސްވުމުގެ މާނައަކީ، ބިނާކުރަނިވި ގޮތެއްގައި ސުލްހަ ގާއިމު ކުރުމަށް ބަހްރައިން ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށްވެސް ހަމަދު ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެއްވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، އަރަބި ގަލްފު ސަރަހައްދުގެ 2 ގައުމަކުން މިހާރުވަނީ އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށްފައެވެ. ބަހްރައިންއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އިސްރާއީލާއެކު މި އެއްބަސްވުމުގައި ރަސްމީ ސިއްކަ ޖެހީ މިމަހުގެ 15 ވަނަ ދުވަހު، ވައިޓްހައުސްގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.