ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށާ، މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ގަސްދުކުރައްވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިކަން އިއުލާން ކުރެއްވީ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ.

ހާރިޖީ ދާއިރާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ރޮނގުން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެކަމެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަކޮށް، ބަދަހިކޮށް އާލާކުރުމަށް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) ގެ ދަތިކަމުގައިވެސް، ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހި ރާއްޖެއިން މިހާރުވެސް 25 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ވަނީ ކަނޑައަޅާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރަކީ ބައިނަލްއަގުވާމީ މައިދާންތަކުގައިވެސް ފަލަސްތީނުގެ ހައްގުތަކަށް ހަރުއަޑުން ވަކާލާތު ކުރަމުން އަންނަ ސަރުކާރެކެވެ. އެގޮތުން، އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގުތައް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް ހުދު، ރައީސް ސޯލިހުވެސް ވަނީ ގޮވާލައްވާފައެވެ.