ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ބޫޓާންއިން ވެސް އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފިއެވެ.

ޔަހޫދީ އިސްރާއީލާއެކު އާންމު އުސޫލުން، ބުދިސްޓުންގެ އަގުލަބިއްޔަތު އޮތް ބޫޓާންއިން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި ހަބަރު އާންމުވީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ހަބަރު ލިބޭ ގޮތުގައި އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމުގެ ދޭދޭ މަޝްވަރާތައް ބޫޓާންގެ އޮފިޝަލުންވެސް ބައިވެރިވެގެން ސިއްރިއްޔާތުގައި ކުރިއަށް ގެންދާތާ އަހަރެއް ހާ ދުވަސް ވަނީ ވެފައެވެ.

ބޫޓާންއަކީ ބައިނަލްއަގުވާމީ ހައިޖާނުތަކާ އަރާރުންވުންތަކާ ދުރުގައި އޮތުމަށް ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުއާ އެކަހެރި ސިޔާސަތުތަކެއް ތަންފީޒު ކުރާ ގައުމެކެވެ. ބޫޓާންއިން މިހާތަނަށް ޑިޕްލޮމެޓިކް ގުޅުން ބަދަހި ކޮށްފައި ވަނީ 53 ގައުމަކާ އެކުގައެވެ. އެ ލިސްޓުގައި ޗައިނާ، އިނގިރޭސިވިލާތް، އެމެރިކާ، ފަރަންސޭސިވިލާތް އަދި ރަޝިއާ ފަދަ ނުފޫޒުގަދަ ގައުމުތަކެއް ނުހިމެނެއެވެ.

އިސްރާއީލާއެކު ބޫޓާންއިން ގުޅުން ބަދަހި ކޮށްފައި މިވަނީ، މޮރޮކޯއިންވެސް އިސްރާއީލާއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.