އިސްރާއީލާ ގުޅުން ބަދަހި ކުރަން ތުރުކީވިލާތުން ބޭނުން ކަމަށާ، ނަމަވެސް ފަލަސްތީނާ މެދު އިސްރާއީލުން ގެންގުޅޭ އުސޫލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން އުރުދުގާން ވިދާޅުވީ، ޖާސޫސީ ފެންވަރުގައި މިހާރުވެސް އިސްރާއީލާ ގުޅުން އޮންނަ ކަމަށާ، ނަމަވެސް، ފަލަސްތީނުގެ މައްސަލައަކީ އެ ގުޅުމުގައި ދަމާލެވޭ ރަތް ރޮނގު ކަމަށެވެ.

އުރުދުގާން އިތުރަށް ވިދާޅުވީ ތުރުކީވިލާތާ އިސްރާއީލުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ބޮޑެތި ހައިޖާނުތަކެއް އުފެދިފައި ވާ ކަމަށާ، އެހެން ނުން ނަމަ ދޭދޭ ގުޅުންތައް އޮތީހީ އެހެން ގޮތަކަށް ކަމަށެވެ.

މި ދަނޑިވަޅަކީ އިސްރާއީލާއެކު އާންމު އުސޫލުން، މުސްލިމު ގައުމުތަކަކުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރަމުން އަންނަ ދަނޑިވަޅެކެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރައިން، ސޫދާން އަދި މޮރޮކޯއިން އިސްރާއިލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކޮށްފައި ވާއިރު، 5 ވަނަ ގައުމަކުންވެސް އިސްރާއީލާ ގުޅެން ތައްޔާރު ވަމުން އަންނަ ކަމުގެ ވާހަކަތަކެއް، އިސްރާއީލުން ވަނީ ފެންމަތިވެފައެވެ.