އިސްރާއީލުގެ ތެލްއަވީވްގައި އެ ގައުމުގެ އެމްބަސީއެއް ހުޅުވުމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއެއީ)ގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހަމަ މިއާއެކު އިސްރާއީލުންވެސް ވަނީ އަބޫދާބީގައި އިސްރާއީލުގެ އެމްބަސީއެއް ހުޅުވިކަން އިއުލާން ކޮށްފައެވެ.

އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަށް ޔޫއޭއީއިން ރުހުން ދިނީ މިދިޔަ އޯގަސްޓް މަހުއެވެ. މި ނިންމުމަކީ އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކާއި ފަލަސްތީނުންވެސް އިންތިހާއަށް ކަންބޮޑުވި ނިންމުމެކެވެ. ޔޫއޭއީގެ ފަހަތުން ބަހްރައިން، ސޫދާން އަދި މޮރޮކޯއިންވެސް ވަނީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކޮށްފައެވެ. މި ގުޅުންތަކުގެ ފަހަތުގައި ހުންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ.

ފަލަސްތީނުން ސިފަކުރާ ގޮތުގައި މިއީ ފަލަސްތީނަށް ބޭވަފާތެރިވުމެވެ. ފަހަތުން އައިސް ބުރަކައްޓަށް ވަޅިޖެހުން ފަދަ ކަމެއް ކަމަށްވެސް ފަލަސްތީނުން މިކަން ސިފަކުރެއެވެ.

އިސްރާއީލުގައި ޔޫއޭއީއިން ހުޅުވާ އެމްބަސީއާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދަނޑިވަޅުގައި އިސްރާއީލުން ވަނީ އަބޫދާބީގައި އިސްރާއީލުގެ އެމްބަސީއެއް ރަސްމީކޮށް ހުޅުވިކަން ހާމަކޮށްފައެވެ. އެމްބަސީ ހިންގަމުންދަނީ ދާއިމީ ބިމެއް ހަމަޖެހެންދެން، ވަގުތީ ތަނެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.