އެމެރިކާގެ އާ ރައީސް، ޖޯ ބައިޑަންގެ މެދުއިރުމަތީގެ ސިޔާސަތު ބައްޓަން ކުރައްވާފައި ވަނީ، ދެ ފަރާތުންވެސް އެއްބަސްވާ ގޮތެއްގެ މަތިން، އިސްރާއީލާއި ފަލަސްތީނަކީވެސް ވަކިވެފައިވާ، މިނިވަން، 2 ދައުލަތުގެ ގޮތުގައި އުފެދި، ސުލްހައައާއި ހަމަޖެހުމާއެކު ކުރިއަށް ދިއުމުގެ ރޫހުގައި ކަމަށް، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ރިޗާޑް މިލްސް ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގެ ޕްރެސް-ސެކްރެޓަރީ ޖެން ސާކީވެސް ވަނީ، މެދުއިރުމަތީގެ ސުލްހައަށް އޮތް ހަމައެކަނި މަގަކީ، ދެ ދައުލަތް އުފެދިގެން ދިއުން ކަމަށް ބައިޑަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން މިލްސް ވިދާޅުވީ، ފަލަސްތީނަށް ފޯރުކޮށްދެމުން ދިޔަ އެހީ، މެދުކަނޑާލާފައި އޮތް އޮތުން ބަދަލު ކުރުމުގެ ވިސްނުން އެމެރިކާއިން މިހާރު ގެންގުޅޭ ކަމަށެވެ. އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ބަންދުކުރި ޑިޕްލޮމެޓިކް މިޝަންތައް އަލުން ހުޅުވުމަށްވެސް އެމެރިކާއިން ވިސްނާކަން މިލްސް ވަނީ ހާމަ ކުރައްވާފައެވެ.

ފަލަސްތީނާއި އިސްރާއީލާ އެއް ރޫހެއްގައި ގުޅުން ބަދަހި ކުރުމުގެ ފިކުރު އެމެރިކާގައި އޮތްކަން ހާމަ ކުރައްވަމުން މިލްސް ވަނީ، އިސްރާއީލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށްވެސް އެމެރިކާއިން ގައުމުތަކަށް ގޮވާލަމުން ދާނެ ކަމަށެވެ.

މެދުއިރުމައްޗަށް ސުލްހަ ހޯދުމުގައި ބައިޑަންގެ ސަރުކާރުން ގެންގުޅޭނީ މެދުމިނުގެ، ވަކި ކޮޅަކަށް ބުރަ ނުވާ ފަލްސަފާއެއް ކަމަށް ބެލެވެއެވެ. ނަމަވެސް ބައިޑަން އަކީ އިސްރާއީލުގެ ސަޕޯޓަރެއް ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ރޭގެ ވަގުތެއްގައި އެމެރިކާގެ ފޮރިން މިނިސްޓަރުކަން ކަށަވަރު ކުރެއްވީ އެންޓޮނީ ބްލިންކެން ވަނީ، ގުދުސްގައި ހުޅުވި އެމްބަސީގެ މަސައްކަތް އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. ބްލިންކެންވެސް ވަނީ ވަކިވެފައިވާ 2 ދައުލަތުގެ ފަލްސަފާއަށް ތާއީދު ކުރައްވާފައެވެ.

އެމެރިކާގެ ސަރުކާރުގެ މިހާރުގެ ވާހަކަތައް ހުރީ ޓްރަމްޕްގެ ސަރުކާރުން ގެނައި ބަދަލުތައް "ރީސެޓް" ކުރުމުގެ ރޫހެއްގައެވެ. ޓްރަމްޕްގެ މެދުއިރުމަތީ ފަލްސަފާގައި މުޅިންހެން ބުރަވެވަޑައިގަތީ ޔަހޫދީ އިސްރާއީލާއި، ހުދުމުހުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫއާ ވީ ކޮޅަށެވެ. އެކަމުގެ އަގު އަދާ ކުރީ ފަލަސްތީނުގެ ރައްޔިތުންނެވެ. އެތައް ހައްގަކުން މަހްރޫމުވެ، ގުރުބާން ވާ ހާލުގައެވެ.