ފަލަސްތީނާއި އަރަބި ބިންތައް ހިސޯރުކޮށް އިސްތިއުމާރު ކުރުމައިގެން އިސްރާއީލު ކުރިއަށް ދާއިރު، އެކަމާ ކުރިމަތިލާ، ބިނާ ކުރަނިވި ފިޔަވަޅުތަކެއް ނޭޅި، ބައިނަލްއަގުވާމީ މުޖުތަމައު އޮތުމީ ސުވާލު އުފެދެނިވި ކަމެއް ކަމަށް ގަތަރުގެ އަމީރު، ޝައިހު ތަމީމު ބިން ހަމަދު އަލް ސާނީ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ވީޑިއޯ ޓެކްނޮލޮޖީ މެދުވެރިކުރައްވާ ތަގުރީރު ކުރައްވަމުން ގަތަރު އަމީރު ވަނީ، އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށް އަރަބި ބިންތައް ހިސޯރު ކުރަމުންދާ ދިއުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ގަރާރުތައް އެކުލަވާ ނުލާތީ އެކަން ފާހަގަކުރައްވާ، ގައުމުތަކާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ދައުރާ މެދު ސުވާލު އުފައްދަވާފައެވެ.

އިސްރާއީލާ ފަލަސްތީނަކީ ވަކިވެފައިވާ މިނިވަން 2 ދައުލަތް ކަމުގައި ވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެއްބަސްވެފައިވާ އެއްބަސްވުމާއި މުއާހަދާތަކާ އިސްރާއީލުން ކަނޑައެޅިގެން ހިލާފުވަމުން ދާ ކަމަށްވެސް ގަތަރުގެ އަމީރު ވަނީ ސިފަކުރައްވާފައެވެ.

ސުލްހަ ލިބެން އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަންކަމަށް އިސްރާއީލުން ފުރިހަމައަށް އެއްބަސްވުމުން ކަމަށްވެސް ގަތަރުގެ އަމީރު ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދާ ދިނުމަށް ފެއިލްވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައާއި، މުއައްސަސާތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ގަތަރުގެ އަމީރު ވަނީ ވިދާޅުވެފައެވެ.

މިއާއެކު އަމީރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް، ވަކިން ހާއްސަކޮށް އދގެ ސަލާމަތީ މަޖިލީހަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާކޮށް، ބައިނަލްއަގުވާމީ އިމުން ބަލައިގަންނަނިވި ސައްހަ މަޝްވަރާތަކުގެ ތެރެއިން ސުލްހައިގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ގޮވާލައްވާފައެވެ.

ގަތަރުގެ އަމީރު މިފަދަ ރޫހެއްގައި ތަގުރީރު ކުރައްވާފައި މިވަނީ، އަރަބި ގަލްފުގެ ބައެއް ގައުމުތަކުން އިސްރާއީލު ބަލައިގަނެ، އާންމު އުސޫލުން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކަން މިހެން އޮތް ނަމަވެސް، އަރަބި ލީގުގެ ގިނަ ގައުމުތަކަކުން އަދިވެސް ގެންގުޅެނީ ބައިނަލްއަގުވާމީ މުޖުތަމައާއި އެއް ރޫހެއްކަންވެސް ފާހަގަކުރަންޖެހެއެވެ.

އިސްރާއީލާ އަރަބި ދުނިޔެ ގުޅުވާ، ސުލްހައިގެ ނަމުގައި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާއެވެ.