އަރަބި ގައުމުތަކުގެ ގުޅިފައިވާ އިއްތިހާދު (އަރަބް ލީގު) ގެ ހާރިޖީ ކައުންސިލްގެ ރިޔާސަތުގެ ދައުރު އަދާ ކުރުމަށް ފަލަސްތީނުން އިންކާރު ކޮށްފިއެވެ.

ތާވަލު ކުރެވިފައި ވާ ގޮތުން، ކުރިއަށް އޮތް 6 މަސް ދުވަހަށް އަރަބް ލީގުގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ރިޔާސަތު ފުރިހަމަ ކުރަން ޖެހެނީ ފަލަސްތީނަށެވެ. ނަމަވެސް މިމައްސޫލިއްޔަތު އަދާ ކުރުމަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު އިންކާރު ކުރެއްވީ، އިސްރާއީލާއި ފަލަސްތީނުގެ މައްސަލާގައި ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އިސްރާއީލާއެކު ރަސްމީ އިމުގެ ތެރެއިން އިސްރާއީލާ ގުޅުން ބަދަހި ކުރުމަކީ އިހުތިރާމް ކުޑަކުރަނިވި ކަމެއް ކަމުގައި ފަލަސްތީނުން އެކަން ސިފަކުރެއެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ބަހްރައިންއިން އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ފަލަސްތީނުން ސިފަކުރާ ގޮތުގައި މިއީ އަރަބި ގައުމުތަކުން ފަލަސްތީނަށް ބޭ ވަފާތެރިވުން ފަދަ ކަމެކެވެ.

އަރަބި ލީގުގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމަށް ފަލަސްތީނަށް ލިބިފައިވާ ހައްގު ފުރުސަތުގެ ބޭނުން ހިފުމަށް ފަލަސްތީނުން ބޭނުން ނުވާ ކަމަށާ، ފަލަސްތީނުގެ ރިޔާސަތެއްގައި އަރަބި ގައުމުތަކުން އިސްރާއީލާއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރާ މަންޒަރު ބެލުމަކީ ބޭއިހުތިރާމް ކުރަނިވި އަމަލެއް ކަމަށް މާލިކީ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށް ނިންމާ އަރަބި ގައުމުތަކުގެ ލިސްޓަށް އަދިވެސް ނަންތަކެއް އިތުރުވާނެ ކަމަށް، މިކަމުގައި އިސް ދައުރެއް އަދާ ކުރާ އެމެރިކާއިން ވަނީ ބުނެފައެވެ. އެންމެ ނުފޫޒުގަދަ އަރަބި ބާރުގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއިން މިކަމުގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، އެމެރިކާއާއި އިސްރާއީލުގެ ފިކުރަށް، ސައުދީއިން ތާއީދުކުރާތީއެއްވެސް އަދި ނުފެނެއެވެ.