ކުއްލި ނުރައްކަލެއް ކުރިމަތިވެ، ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި، ފްރަންޓްލައިން ވޯކަރުންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ދިނުމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއިން) ނިންމާފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު އިއުލާން ކުރައްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔޫއޭއީގެ މިނިސްޓާ އޮފް ހެލްތް އެންޑް ޕްރިވެންޝަން ޢަބްދުއްރަޙްމާން އަލް-އުވައިސް ވިދާޅުވީ، މިހާތަނަށް ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، މިއީ ކާމިޔާބު އަދި ރައްކާތެރު ވެކްސިނެއްކަން ހާމަވެފައި ވާ ކަމަށާ، އެންޓިބޮޑީޒް އުފެއްދުމަށްވެސް އެދެވޭ އިޖާބައެއް ދޭ ކަމަށެވެ.

މިއީ ކޮވިޑް-19 ޖައްސާ ވައިރަހުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ފްރަންޓްލައިން ވޯކަރުންނަށް އޮތް އޮޕްޝަނަލް ނުވަތަ އިހުތިޔާރުކޮށްފިނަމަ ޖެހޭ ގޮތަށް އޮތް ވެކްސިނެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޔޫއޭއީން ތަރައްގީ ކުރަމުންދާ ވެކްސިން މިހާރު އޮތީ 3 ވަނަ މަރުހަލާގައި ކަމަށް ޚަބަރު ލިބެއެވެ. ޔޫއޭއީއިން މި ވެކްސިން ތަރައްގީ ކުރަމުންދަނީ ޗައިނާގެ ދައުލަތުގެ ކޮންޓްރޯލް އޮންނަ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ސީނޯފާމްއާ ގުޅިގެންނެވެ.

ސީނޯފާމްގެ ޗައިނާ ނޭޝަނަލް ބައޮޓެކް ގުރޫޕު (ސީއެންބީޖީ)އިން ތަރައްގީ ކޮށްފައިވާ ތަހުލީލީ ވެކްސިނެއް، ޗައިނާއިން މިހާރުވެސް ދަނީ ނުރައްކާ ބޮޑު ދާއިރާތަކުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ދެމުންނެވެ.