ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ޝެޑިއުލް ކޮށްފިއެވެ.

މާދަމާ ހައިކޯޓުގައި ބާއްވާ ޝަރީއަތުގެ އެ އަޑުއެހުން ޝެޑިއުލް ކޮށްފައި ވަނީ މެންދުރު ފަހު 2:00 އަށެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލް ކުރުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ކުރި 7 ދައުވާ ބާތިލް ކުރި ނިންމުން ދައުލަތުން ވަނީ ފަހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން އެދުނެވެ.

އެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދަން ނިންމައި އަޑުއެހުމެއް މިދިޔަ މަހުގެ 27 ގައި ބޭއްވިއިރު އެ ދުވަހު އަދީބަށް ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދީފައެވެ.