ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
އަދީބުގެ ބޭސް ފަަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާއަށް ކުރިން ދިން މުއްދަތު މިދިޔަ ހުކުރުދުވަހަށް ހަމަވުމުން އަދީބުގެ ފަރާތުން މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ކަރެކްޝަން ސާވިސް އިން ރިވިއު ކުރަމަށްފަހުގައެވެ.
ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ސަރުކާރުން އަދީބަށް އޭރު ދިނީ 10 ދުވަހުގެ މުއްދަތެއް ކަމުގައި ވިޔަސް ދެ ފަހަރެއްގެ މަތިން ބޭސްފަރުވާ އަށް އޭނާގެ ފަރާތުން ވަނީ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ގޮތުން މިދިޔަ މަހު އެންމެ ފަހުން މުއްދަތު އިތުރު ކޮށްފައިވާ އިރު އެ މުއްދަތު ހަމާވެފައިވާ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.
ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.
އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މީގެ ކުރިން ބުނެފައި ވަނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންނެއްގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީ ފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް ކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.
އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ކުށް ސާބިތުވެފައި ވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފު ވުމުން އެ މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.