ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު މި މަހުގެ 15 އަށް ހަމަވެފައިވާ އިރު، އަދީބު ފަރާތުން މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަން ސާވިސް އިން ބުނެފިއެވެ.

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ސަރުކާރުން އަދީބަށް އޭރު ދިނީ 10 ދުވަހުގެ މުއްދަތެއް ކަމުގައި ވިޔަސް ދެ ފަހަރެއްގެ މަތިން ބޭސްފަރުވާ އަށް އޭނާގެ ފަރާތުން ވަނީ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ ގޮތުން މިދިޔަ މަހު އެންމެ ފަހުން މުއްދަތު އިތުރު ކޮށްފައިވާ އިރު އެ މުއްދަތު ހަމާވާ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކަރެކްޝަންސް އިން ބުނީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އަދީބު އެދިވަޑައިގެންފައި ވާ ކަމަށާއި، އެ ހުށަހެޅުން ރިވިއު ކުރަމުން އަންނަ ކަމަށެވެ. މާދަމާއާ ހަމައަށް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާ، އެ ނިންމުން ހާމަކުރާނެ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މީގެ ކުރިން ބުނެފައި ވަނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންނެއްގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީ ފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް ކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ކުށް ސާބިތުވެފައި ވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފު ވުމުން އެ މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.