ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދެވުމަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެ ވަޑައިގެންފިއެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ބުނީ ފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް އިތުރު މުއްދަތު ދީފައި އޮތް ނަމަވެސް އަދީބު އެނބުރި މާލެ ވަޑައިގެންފައި ވަނީ ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައި ވާތީ ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބުގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ އަންނަ މަހު ކުރިއަށް ގެންދާނެ ކަމަށެވެ.

ސަރުކާރުން އަދީބުގެ ބޭސްފަރުވާގެ ހުއްދަ ދީ، އެކަމުގައި ދޭ އެއްބާރުލުމަށް އެމްޓީޑީ އިން ވަނީ މަރުހަބާ ކިޔާފައެވެ.

އަދީބުގެ ބޭސް ފަަރުވާއަށް ދީފައިވާ މުއްދަތު އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކަރެކްޝަންސް އިން އިތުރު ކޮށްދީފައި ވަނީ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި އޭނާ ހުށަހެޅުއްވުމުން ކަރެކްޝަންސް އިން ރިވިއު ކުރަމަށް ފަހުގައެވެ. އެއީ އޭނާގެ ބޭސް ފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދިން 3 ވަނަ ފަހަރެވެ.

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ސަރުކާރުން އަދީބަށް އޭރު ދިނީ 10 ދުވަހުގެ މުއްދަތެއް ކަމުގައި ވިޔަސް ދެ ފަހަރެއްގެ މަތިން ބޭސްފަރުވާ އަށް އޭނާގެ ފަރާތުން ވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެ ގޮތުން މިދިޔަ މަހު އެންމެ ފަހުން މުއްދަތު އިތުރު ކޮށްފައިވާ އިރު އެ މުއްދަތު ހަމާވެފައިވާ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ކަރެކްޝަންސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

އެމްޓީޑީ އިން މީގެ ކުރިން ބުނެފައި ވަނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންނެއްގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ. އަދި އެ ޕާޓީން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީ ފައިވާ ކަމަށެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް ކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ކުށް ސާބިތުވެފައި ވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފު ވުމުން އެ މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.