އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލަގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އެމްއެންޑީއެފްގެ އެސްޕީޖީގައި އޭރު ނައިބު ރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓެވި އަހުމަދު އާމިރުގެ ހެކިބަސް ނަގައިފިއެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އާމިރު ހެކިބަސް ދީފައި ވަނީ މެލޭޝިޔާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށެވެ.
އާމިރު ބުނީ އަހުމަދު އަދީބާއެކު އެމްއެމްޕީއާރްސީ އޮފީހަށް އޭރު ގޮސް އުޅުނު ކަމަށާއި ފުއްގިރި މުއާމަލާތުގެ ތެރެއިން އެތަނުގައި ބޭއްވި ބައްދަލުވުމެއް ފެނުނު ކަމަށެވެ. އަދި ފެނުނު ގޮތް ކިޔައިދެމުން އާމިރު ބުނީ އެ ދުވަހު އަދީބުގެ ކާރުކޮޅުގައި ދަބަހެއް ބޭއްވިފައި އޮތުމުން އެ ދަބަހެއް ނަގައިގެން ގެނެސްދޭން އޭނާ އެދުނު ކަމަށާއި އެ ދަބަސް ދޭން ވެގެން ބައްދަލުވުން އޮތް މީޓިން ރޫމަށް ވަންނަން ޖެހުނު ކަމަށެވެ.
އެ މީޓިން ރޫމަށް ވަންއިރު ކްރިކް ރިޒާއާއި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުއާއި ޝިފާއު ކިޔާ މީހަކާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ކޮއްކޮ ސާލިމް އަދި އަބްދުﷲ ޒިޔަތު އެތިބި ކަމަށް އާމިރު ވަނީ ކިޔައިދީފައެވެ.
މި މައްސަލައާ ގުޅިގެން ހެކިބަސް ދޭން ބޭނުން ނުވާތީ ސިޔާމްއާއި މައުރޫފްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމާފައެވެ. އަދި ދައުލަތުގެ ހެކިން ކަމަށްވާ އަހުމަދު ޝާކިރާއި މުހައްމަދު ހުސައިންފުޅު ވެސް ހެކިބަސްދޭނެ ބޭނުމެއް ނުވެއެވެ. އެހެންކަމުން މި މައްސަލާގައި ދައުލަތުގެ ހެކިންގެ ގޮތުނގައި ދެން ތިބޭނީ ދެ ހެކިން ކަމަށްވާއިރު އެ ދެ މީހުންގެ ހެކިބަސް އަންނަ ބުރާސްފަތު ދުވަހު ނަގަން ވަނީ ތާވަލު ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.
އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިއަދު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.