ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއާ ހާޒިރު ކުރީ އެއްވެސް އާ މައްސަލައެއް ތަހުގީގު ކުރާތީ ކަމަކަށް ފާހަގަ ނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މިއަދު މެންދުރުފަހުއެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާގައި ތިން ގަޑިއިރެއްހާއިރު ހޭދަ ކުރެއްވިއެވެ. ފުލުހުން ހާޒިރު ކުރި ބޭނުން ނިމުމުން އެނބުރި މާފުށި ޖަލަށް ރައީސް ޔާމީން ގެންދިޔައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ހާޒިރު ކުރީ ފުލުހުން އާ ތަހުގީގެއް ކުރާތީ ނޫން ކަމަށެވެ. އަދި ފުލުހުން ރައީސް ޔާމީން ހާޒިރު ކުރީ އެމަނިކުފާނަށް ދައުވާ ކުރެވި ހުކުމް ކޮށްފައިވާ އަދި މިހާރު އިސްތިއުނާފުގެ މަރުހަލާގައިވާ މައްސަލައިގެ ހަވާސާގެ ތެރެއިން ކަންކަމާ ގުޅޭ ސުވާލުތަކެއް ކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ހާޒިރު ކުރީ އެމްއެމްޕީއާރްސީގެ މައްސަލަ "އޮއްބާލުމަށް" ކަމަށެވެ. އަދި އެކަމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާ އެކު ޑީލުތަކެއް ސަރުކާރުން ހަދާފައިވާ ކަމުގެ ތުހުމަތު ޑރ. ޖަމީލް ކުރެއްވިއެވެ. މީގެއިތުރުން އެފައިސާ ލިބިގެން ދިޔަ އެހެން ފަރާތްތަކުގެ މައްސަލަ ކުރިޔަށް ނުދާތީ ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.