ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ފަންނީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއް ނަމަވެސް، ވެރިކަން ހިންގުމުގެ ނުވަތަ ގަވަނަންސްގެ ދާއިރާއިން އެ މަނިކުފާނުގެ އެއްވެސް ފަންނުވެރިކަމެއް ނެތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންނާ ސަމާސާ ނުކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް އޮޅުވާލައި މިސްލީޑް ކުރުމަކީ ވެރިއަކަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ވެރިން ދައްކަވާ ވާހަކަތަކުގެ އަގެއް އަދި އޮއްޓަރެއް ހުންނަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގައި ހަފްތާއަކާ ގާތްވާ މުއްދަތަކަށް ހުންނަވައި، އެކި ފަންތީގެ ގިނަ ރައްޔިތުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ބައްދަލުކުރެއްވި އެއްވެސް ރައްޔިތެއްގެ ފަރާތުން މި ސަރުކާރުން ކޮށްދިން ރަނގަޅު ކަމެއްގެ ވާހަކަ ނުވަތަ ލިބުނު ހިދުމަތެއްގެ ވާހަކަ އަޑުއިވިވަޑައިގެންފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅި އައްޑޫއިންވެސް އިވިގެންދިޔައީ ރައްޔިތުންގެ މާޔޫސްކަމާއި، ހިތްދަތިކަމާއި އަދި ނުރުހުމުގެ އަޑުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ގައުމުގެ މިހާރުގެ އިގްތިސާދީ ދަތިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން ބާޒާރުގައި ތަކެތީގެ އަގު އުފުލި، ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ދަތިވެ، ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ހާލަތަކަށް ގައުމު ވެއްޓިގެން ދިޔުމަކީ ދިވެހި ތާރީހުގައި ވެސް ދުވަހަކު ދެކެފައިނުވާ ފަދަ ނިކަމެތި މަންޒަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުން މުޅި މުޖުތަމައުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކިވަކި ފަރުދުންގެ މައްޗަށް ބަރޯސާވެގެން ސިޔާސީ މަންފާ ހޯދަން އުޅުމަކީ ވަރަށް ނުރައްކާތެރި މިސްރާބެއް ކަމަށެވެ. މުޅި ސިޓީގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓުވާލައި، ރައްޔިތުން މާޔޫސްކަމުގެ ތެރެއަށް ދޫކޮށްލުމަށްފަހު، ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ބާރު ދެމެހެއްޓުމަށް ކުރާ މިފަދަ މަސައްކަތްތަކާމެދު ރައްޔިތުން ހޭލުންތެރިވެ ވިސްނަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.