އީގަލް ހިލްސް މަޝްރޫއާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތް އޮޅުވާލައި، ސިޔާސީ މަންފާއަށްޓަކައި ދީނީ ޝިއާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދަން އުޅޭ މަޝްރޫއަކީ "ޔަހޫދީ ވަޒަންވެރިވުމެއް" ކަމަށް ސިފަކުރައްވައި އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އެ މަޝްރޫއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސައްތައިން ސައްތަ މުސްލިމު މުޖުތަމައެއްގައި ހިންގަން އުޅޭ ނާތަހުޒީބު އަމަލެއް ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވާފައި ވެއެވެ.

ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އިހުސާން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަޝްރޫއަކީ ޔަހޫދީ އާބާދީއެއް ގާއިމުކުރުން ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ހިތްތަކުގައި އޮތް ސާބިތު ތާއީދަކީ ބިރުވެރިކަމާއި ނަފްރަތާއި ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި މި އިންވެސްޓްމަންޓް ހަގީގަތަކަށް ނުވި ނަމަވެސް، މިއަދު އެކަމާ ދެކޮޅަށް އެފަދަ ގޮތަކަށް ވާހަކަދެއްކުމުގެ ހައްގެއް އެމަނިކުފާނަށް ނޯންނާނެ ކަމަށާއި ގައުމީ ތަރައްގީއަކީ ޒާތީ ސިޔާސީ ރުޅިވެރިކަމުގެ ރަހީނަކަށް ވެގެން ނުވާނެ ކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ.

އަދި ސަރުކާރުގެ ސިޔާސަތުތަކަށް ކޮންމެ މީހަކަށްވެސް ފާޑުކިޔިދާނެ ކަމަށާއި، ނަމަވެސް ސިޔާސީ ގޮތުން ދެމިހުރުމަށްޓަކައި ދީނީ ބައި ބައިވުން އުފެއްދުމާއި ރައްޔިތުން މަގުއޮޅުވާލުން ހުއްޓާލަންޖެހޭ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ޒިންމާދާރު ލީޑަޝިޕެއް ކަމަށާއި، ޒިންމާދާރުކަން ކުޑަ ބިރުވެރިކަން ފެތުރުން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިހުސާން މިފަދަ ރައްދެއް ދެއްވާފައިވާއިރު ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން އަބްދުއްރަހީމް ވަނީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި ރައްޔިތުންނަކީ ގައުމާމެދު ވިސްނައި ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ތަސައްރުފު ފުދިފައިވާ ބައެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި ޔާމީން އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ގައްދާރުވާން ކަމަށްވެސް ތުހުމަތުކުރައްވާފައި ވެއެވެ.

ހަމަ އެހެންމެ ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު 10 ބިލިއަން ޑޮލަރުގެ މަޝްރޫއު ހުއްޓުވަން އޭރު އެމްޑީޕީން ކުރި މަސައްކަތާ މިއަދު ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ހުރަސްއެޅުމަށް ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަބޫދާބީގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ.

މި ޕްލޭނުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓާފްރަންޓް ޓައުންހޯމްތަކުގެ އިތުރުން މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ އިތުރުން ކުޅިވަރުކުރެވޭނެ އިންތިޒާމާ، ކެފޭ، ރެސްޓޯރަންޓް، ފިނި މައިޒާންތަކާ، މޫދަށް އެރިލާނެ ތަންތަން އަދި ފިހާރަތައް ފަދަ އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ހިދުމަތްތައް މި ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ.