ކުރިއަށް އޮތް ފިނި މޫސުމާ (ވިންޓާ ސީޒަން) ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޗެކްއިން ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން މިއަދު ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވެ، އެއާޕޯޓުގެ ބާރުބޮޑުވާ ދުވަސްވަރާ ދިމާކޮށް ދަތުރުވެރިންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ނިންމި ނިންމުމެކެވެ. މި އިންތިޒާމާއެކު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގްވާމީ ދަތުރުތަކަށް ހިދުމަތް ދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެއެވެ.
އޮކްޓޫބަރު 25 އިން ފެށިގެން މުޅި ފިނި މޫސުމުގައި ޓާމިނަލް 2 އިން ޗެކްއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެއާލައިންތަކަކީ:
- އިޓަލީގެ ނިއޯސް
- ރަޝިޔާގެ އޭރޯފްލޮޓް
- ޔޫއެސް-ބަންގްލާ އެއާލައިންސް
- އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ
- ރަޝިޔާގެ އަޒުރް އެއާ
- ސައިބީރިއާގެ އެސް ސެވަން އެއާލައިންސް
- އަރުމީނިއާގެ ޝިރަކް އަވިއާ
- ކުވައިތު އެއާވޭސް
- ބަލްގޭރިއާގެ ގުލިވް އެއާ
- ފްރެންޗް ބީ
ކުރިން ބައިނަލްއަގްވާމީ އުދުހުންތަކަށް ހާއްސަކުރެވިފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ހިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. މިހާރު އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް ވެސް ދެމުން އަންނަ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އާ ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި އަދި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
އެމްއޭސީއެލް އިން ވަނީ މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށްޓަކައި ސީދާ ޓާމިނަލް 2 އަށް ދިޔުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތް ދުވަހުން ދުވަހަށް ކުރިއަރަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ އަރުވާފައެވެ.
