ދެ ގައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގު ދާރު ދެއްވައިފިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ފަހުމުނާމާތަކަކީ (އެމްއޯޔޫ) ގުޅުން ފުޅާކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިސްލާމްއާބާދުގައި ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުހަބާ ދަންނަވަމުން، މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށާއި ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް އެބައޮތްކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ އިސްލާމީ އެއްވަންތަކަމަކީ މި ގުޅުން ހަރުދަނާކުރުމަށް ލިބޭ މުހިންމު ބާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް މި އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ.
