ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ހުކުމް މި މަހުގެ 29 ވަނަ ދުވަހު އިއްވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއުގެ ހުލާސާ ބަޔާން އިއްވާފައެވެ. ދިފާއުގެ ބަޔާނުގައި ބުނެފައި ވަނީ ފުއްގިރި ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ކޮން ތާރީހެއްގައިކަމާއި، ކާކުކަން އެނގޭނެ ލިއެކިއުން ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ކްލެސިކް ސިޓީއަށް ނުގަވާއިދުން ރަށެއް ދީފައިވާނަމަ، އެ ރަށެއް އަނބުރާ ހޯދައި އަތުލުމަށް ދައުލަތުން މަސައްކަތެއް ކޮށްފައިވޭތޯ ވެސް ދިފާއުން ސުވާލު އުފައްދާފައި ވެއެވެ. އަދި އެކަން ވެސް ސާފު ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް 5 އަހަރު ފަހުން ވެސް ފުއްގިރި މައްސަލައިގައި މިނިވަން ހެއްކެއް ދައުލަތައް ހުށަހެޅިފައި ނުވާކަން ފާހަގަކޮށް ދިފާއީ ވަކީލު ހަމްޒާ ވިދާޅުވީ އެއީ ވެސް ހަމައެކަނި ޒިޔަތު ބުނާ ބުނުމެއް ކަމަށެވެ. އަދި ކުރިކުގެ ހެކި ބަހުގައި ރައީސް ޔާމީންއާ ދުވަހަކުވެސް މަޝްވަރާނުކުރާ ކަމަށާއި ކުރިކުގެ މައްސަލަަ އަނބުރާ ގެންދިޔަ ސަބަބު ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ހަމްޒާ ވިދާޅުވެފައި ވެއެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން އޭރު ހުށަހެޅި ދައުވާތަކުގައި ބުނެފައިވެ އެވެ.

ދިފާއުން މިއަދު ބަޔާން އިއްވާފައިވާއިރު ދައުލަތުގެ ހުލާސާ ބަޔާން ވަނީ އިއްޔެ ބޭއްވި އަޑުއެހުމުގައި އިއްވާފަ އެވެ. ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވާ ރ. ފުއްގިރީގެ ޝަރީއަތުގެ މަރުހަލާ މިއަދު ނިންމާފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމްކުރުމުގެ އަޑުއެހުން ތާވާލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި މައްސަލައިގައި ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އިރު، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ކޯޓު މަރުހަލާގައި ހިނގަމުންދަނީ ހަމައެކަނި ޔާމީންގެ މައްސަލައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހިނގަމުން ދިޔައީ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް، އެ އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ފޮނުވި މެއިލެއްގައި، ޔާމީންގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެއެވެ. ޔާމީންގެ ފަރާތުން ނަރީޝް އާއި ޝުއާއު ހެކިންގެ ގޮތުގައި ހުށަހެޅީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރި ކަން ސާބިތު ކުރުމަށެވެ. ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމަށް ވާތީ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ދެ ހެކިވެރިން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރެވިދާނެ ކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ޔާމީންގެ ވަކީލް ވިދާޅުވީ، ހެކިންނަށް މަޖުބޫރުކޮށްގެން ހެކިބަސް ނެގުމަކީ ޔާމީން ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.

ނަރީޝް ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ސަބަބަކީ، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރައްވާ ކަން ހާމަ ކުރައްވަމުން ކަމަށްވާ އިރު، ނަރީޝް ހުންނެވީ ޕީއެންސީ މެންބަރެއްގެ ގޮތުގައި ވެސް، ޔޫތު މިނިސްޓްރީގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ސަރުކާރާ ގާތްކޮށް ކަމަށްވާތީ، ދެ ބޭފުޅުންގެ ދެމެދުގައި ކުރިން އޮތް ސިޔާސީ ގުޅުން ވަނީ ކެނޑިފައެވެ. ހަމަ އެ ފަދައިން، ފުއްގިރި މައްސަލައިގައި ޔާމީންގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި، ސަން ކުންފުނީގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ ކޯޓުގައި ހެކިބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.