ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި އާންމު ހިދުމަތްތައް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

އިސްލާމްއާބާދުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒަށް އަރުވާފައިވަނީ ސިޔާސީ ދާއިރާއާއި ބައިނަލްއަގްވާމީ ގުޅުންތަކުގެ ރޮނގުން ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެވެ.

ދެ ގައުމުގެ އިސްވެރިންގެ ރަސްމީ ވާހަކަތަކަށްފަހު ކުރިއަށްދިޔަ މި ހަފްލާގައި، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ނަންފުޅުގައި މި ސަނަދު ރައީސް މުއިއްޒާ ހަވާލުކޮށްދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. މި ޝަރަފަކީ ޔުނިވާސިޓީގެ ޗާންސެލަރުގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސަށް ގާނޫނީގޮތުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދެއްވި އެވޯޑެކެވެ.

ޔުނިވާސިޓީގެ ފަރާތުން ފާހަގަކުރި ގޮތުގައި، ރައީސް ޑރ. މުއިއްޒަކީ ދިވެހި ދައުލަތް ބިނާކުރުމުގައްޔާއި، މުއައްސަސާތައް ހަރުދަނާކޮށް ހިންގުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ލީޑަރެކެވެ. މީގެއިތުރުން އިސްލާމީ ވަހްދަތާއި، ރައްޔިތުންގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކަކީ މިފަދަ ޝަރަފެއް ހައްގުވާ މައިގަނޑު ސަބަބުތައް ކަމުގައިވެސް ވަނީ ބަޔާންކޮށްފައެވެ.

މިއީ ރައީސް ޑރ. މުއިއްޒަށް ބައިނަލްއަގްވާމީ ފެންވަރުގެ ޔުނިވާސިޓީއަކުން މިފަދަ ޝަރަފެއް އެރުވި ދެވަނަ ފަހަރެވެ.