ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް އިދިކޮޅުން ހުރަސް އަޅަނީ އަންނަ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކުރެވޭނެކަން އެނގޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
އެގޮތުން ފަލާހް ވިދާޅުވީ ރަސްމާލެ މަޝްރޫއު އަތުވެއްޖެ ނަމަ ރާއްޖެއަށް އުފާފާގަތިކަން ލިބޭނެ ކަމަށް އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށާއި މި އިންވެސްޓްމަންޓުގެ ސަބަބުން ކޮންމެ މަހަކު އަދި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖެ ވަންނާނެ ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއަށް ހުރަސްއެޅުމުން ގެއްލުން ދެވެނީ އާންމުންނަށް ކަމަށް ފަލާހް ވިދާޅުވިއެެވެ.
އިތުރަށް ފަލާހް ވިދާޅުވީ މިއަދުވެސް ދައްކަމުން ދަނީ ހުރި ދަތިތަކުގެ ވާހަކަކަމަށާއި، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އާމްދަނީ ލިބޭ ވަސީލަތްތައް މަދު ވާހަަކަ ކަމަށެވެ. އަދި މުންޑަކާއި ސޯޓެއް ލައިގެން ދިވެހީން ތޮށިގަނޑު ކައިރީ އަބަދު ދޮށި އެއްލަން ތިބެންވީތޯ ފަލާހް ވަނީ ސުވާލުކުރައްވާފައެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން، ފަލާހް ވިދާޅުވީ އެ ޕާޓީއަކީ އެއްވެސް މަޝްރޫއެއް ހިންގޭނެ ބައެއް ނޫން ކަމަށާއި، އެމްޑީޕީން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާތީ ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ވަރަށް ތާއީދުކުރައްވާކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، އެފަދަ މަޝްރޫއެއް ރާއްޖެ އައުމުން ލިބޭނެ ކުރިއެރުން ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހީން އެ މަޝްރޫއާ ދެކޮޅަށް އިހުތިޖާޖަށް ނިކުތުމަކީ ނުވާނެ ކަމެއް ކަން ފަލާހް ފާހަގަކުރެއްވިއެވެ.
