ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިގްތިސާދީ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
އިސްލާމްއާބާދުގައި ބޭއްވުނު މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، މިހާރު ދެ ގައުމުގެ ދެމެދުގައި ކުރެވެމުންދާ 13.9 މިލިއަން ޑޮލަރުގެ ވިޔަފާރިއަކީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމާއި އިގްތިސާދީ ފުރުސަތުތަކާ އަޅާބަލާއިރު އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން، ވިޔަފާރީގެ ހުރަސްތައް ނައްތާލައި، އިގްތިސާދީ މުއާމަލާތްތައް ފުޅާކުރުމަކީ މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުންކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށްޓަކައި 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާއިންނާއި، ދިފާއީ އަދި ތައުލީމީ ދާއިރާއިން ދިވެހިންނަށް ތަމްރީނު ދިނުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. ބޮޑުވަޒީރު ވަނީ މި އެއްބަސްވުންތައް ކަރުދާހުން އަމަލީ މައިދާނަށް ގެނައުމުގެ މަސައްކަތް ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އަވަސްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ވަކާލާތުކުރަމުންދާ ހަރުދަނާ ސިޔާސަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި އދ. ގެ ނިންމުންތަކާ އެއްގޮތަށް މިނިވަން ފަލަސްތީނެއް ބިނާކުރުމަށް ދެ ގައުމު އަބަދުވެސް އެކުގައި ސާބިތުވެ އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއާއި ޕާކިސްތާނުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރެން ކައިރިވެފައިވާއިރު، ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ކަނޑުމަގުންނާއި ސަގާފީ ގޮތުން ގުޅިފައިވާ ދެ ގައުމުގެ އެކުވެރިކަމަށް ލިބުނު އާ ދިރުމެއްގެ ގޮތުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.
