ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ތާރީހީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައެވެ. މިއީ ދެ ގައުމުގެ އެންމެ މަތީ ވެރިންގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު މެދުކެނޑިފައިވާ ވައިގެ ސީދާ ދަތުރުތައް އަލުން ފެށުމާއި، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ބިނާކުރުމަށް އެހީތެރިވުން ހިމެނެއެވެ. މީގެއިތުރުން ފަންނީ އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުމަށް ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާއެކު ވެސް ވަނީ މުހިންމު ފަހުމުނާމާތަކެއް އެކުލަވާލާފައެވެ.
އޭގެ އިތުރުން ދެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދަން ނިންމި މުހިންމު ދާއިރާތަކުގެ ތެރޭގައި؛ ދިފާއީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބާ ސެކިއުރިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ހިދުމަތްތެރިން ރާއްޖެ ގެނައުމުގެ އިތުރުން ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ވެސް ގުޅުން ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.
މުއައްސަސާތަކުގެ ފެންވަރުގައި ވެސް މުހިންމު ގުޅުންތަކެއް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭ އިން ޕާކިސްތާނުގެ ކަމާބެހޭ އިދާރާއާއެކު އެއްބަސްވުމެއް ހެދިއިރު، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެކުރުމަށް ޓީސީޕީއާއެކު ވަނީ އެއްބަސްވެފައެވެ. އަދި ދިވެހި ފުލުހުން ތަމްރީނުކުރުމަށާއި ސިވިލް ސާވިސްގެ ހިދުމަތްތައް ހަރުދަނާކުރުމަށް ވެސް ޕާކިސްތާނުގެ މުއައްސަސާތަކާއެކު ގުޅުން ގާއިމުކުރެވުނެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކެބިނެޓުގެ މިނިސްޓަރުންނާއި، ހާރިޖީ ދާއިރާގެ އިސް ވެރިންނެވެ.
