ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދުދެއްވާ، ވެރިކަމުގެ ދަހިވެތިކަމުގައި ޔާމީން އުޅުއްވަނީ ގައުމަށް ގައްދާރުވާން ކަމަށް ތުހުމަތުކުރައްވައިފިއެވެ.

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު 10 ބިލިއަން ޑޮލަރުގެ މަޝްރޫއު ހުއްޓުވަން އޭރު އެމްޑީޕީން ކުރި މަސައްކަތާ މިއަދު ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ހުރަސްއެޅުމަށް ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތެވެ.

އޭރު އެމްޑީޕީން ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ގައްދާރުވީ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، މިއަދު ހަމަ އެ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުންނަށް ގައްދާރުވެވެނީ ޔާމީނަށް ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ޔާމީން ވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް މިގޮތަށް ރައްދުދެއްވާފައި ވަނީ، ރަސްމާލެ މަޝްރޫއުގެ ޑިވެލޮޕަރު ކަމަށްވާ އީގަލް ހިލްސްއަށް ފާޑުވިދާޅުވެ ޔާމީން އެކްސްގައި ޕޯސްޓެއް ކުރައްވާފައި ވަނިކޮށެވެ. ޔާމީންގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ އީގަލް ހިލްސް އިން ނާޖާއިޒު ފައިދާ ނަގަމުން ދަނީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރަކުން ކަމަށެވެ.

އަދި ފަލަސްތީނުގެ މައްސަލައަށް ތާއީދުކުރާ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ މުނާފިގުކަން ކަމަށް ސިފަކުރައްވާ އެ މަޝްރޫއު ހުއްޓާލުމަށް ޔާމީން ވަނީ އީގަލް ހިލްސްއަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އެ މަޝްރޫއާ މެދު އޮތީ ނަފްރަތު ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫނެވެ. އަދި ރައްޔިތުންނަކީ ގައުމާމެދު ވިސްނައި ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ތަސައްރުފު ފުދިފައިވާ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށާއި ލަހެއް ނުވެ އެ މަޝްރޫއު ފެށިގެންދާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވިއެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަޝްރޫއު ކުރިއަށްގޮސް އޭގެ ފުރިހަމަ ފައިދާ މުސްތަގުބަލުގައި ދިވެހިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި ދިވެހިން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއެވެ.