ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް އެ ގައުމުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ގެކޮޅަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވި މި ރަސްމީ އިސްތިގުބާލުގައި، ޕާކިސްތާނުގެ އަސްކަރިއްޔާގެ ފަރާތުން އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރަފުގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިއްޒަތްތެރި ވަފުދުގެ ބޭފުޅުން ވަނީ ދެ ލީޑަރުންނަށް ތައާރަފްކޮށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަފުދުގައި، ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.