ކޮންމެ ކަމަކަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫނީ ސަރުކާރަށް އެއްވެސް ކަމަކަށް ހައްލު ހޯދައި ނުދެވެނީތޯ ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ މައްސަަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފެއްދުމުން އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ ކަމަކަށް ދޭ ކެޕްސޫލެއް ފަދައިން ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދައިގެން ނޫނީ އެއްވެސް ކަމެއް ހައްލު ނުވަނީތޯ ސުވާލު އުފައްދާފައެވެ. ޖަމީލް ވިދާޅުވީ ކޮންމެ ކަމަކަށް ސަރުކާރުން ކޮމިޝަން އުފައްދާއިރު މާލޭގެ ޓްރެފިކް މައްސަލައާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން އެންމެ ކުޑަ އުޖޫރައާ ވަޒީރުންގެ އަހުލާގީ މައްސަަލަތައް ބެލުމަށްވެސް ކޮމިޝަންތައް އުފެއްދުމަށް ގޮވާލާފައެވެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު ރައީސް މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގްސަގައެވެ.

އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގްތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

އެ ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ.

އަދި ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.

މީގެ އިތުރުން ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވައިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.