ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ލުޔެއް ފިޔަވާ އިތުރު ލުޔެއް ރައީސް ޔާމީނަށް ދީފައި ނުވާ ކަމަށާއި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ޔާމީންގެ ހުސްގޮނޑި ދައްކާ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މިގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ މީގެ ކުރިން އެކިއެކި ފޯރަމްތަކުގައި ޔާމީނާ ދެކޮޅަށް ވަރަށް ގަދައަށް މަސައްކަތް ކުރެއްވި އަދި ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީއާ ގުޅިގެން އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ވެރިކަން ހޯއްދަވަން އުޅުއްވި އިރު ހުރި ޔާމީންގެ ހައްގުތައް މިއަދު ނެތްކަމަށާއި، ވެރިކަމަށް އައީ ޔާމީންގެ ހުސްގޮނޑި ބޭނުން ކޮށްގެން ކަމަށެވެ. އަދި ޔާމީންގެ އިސްތިއުނާފް ލަސްވެގެން މިއަދު އަޑު ނުއުފުލަނީ ކީއްވެތޯ އާއި ޕީއެންއެފް އުފެއްދުމުގެ ގޮތުން ބާއްވާ ޖަލްސާއަށް ވަޑައިގަތުމުގެ ހުއްދަ ނުދެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ.