މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުންހުރި 231 މައްސަލައެއް ބަލައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ހާމަކޮށްފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ އަދި ޖިންސީ ގޯނާ، އިހުމާލުވުން، ގެވެށި އަނިޔާ އަދި އަޚްލާޤީ އެކި މައްސަލަތައް ހިމެނެއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 29 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 15 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 14 މައްސަލައެކެވެ. މީގެއިތުރުން އިހުމާލުވުމުގެ 16 މައްސަލައަކާއި، ގޭތެރޭގައި ހިނގާ އަނިޔާގެ އަމަލުތައް ލޮލުން ދުށުމުގެ 12 މައްސަލައެއް ވެސް ވަނީ ރެކޯޑުކުރެވިފައެވެ.
ޖިންސީ ގޯނާގެ 15 މައްސަލައެއް މި މުއްދަތުގައި މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނަށް ކުރި ޖިންސީ ގޯނާގެ 12 މައްސަލައަކާއި ފިރިހެން ކުދިންނަށް ކުރި ޖިންސީ ގޯނާގެ 3 މައްސަލައެވެ. އަދި ނަފްސާނީ އަނިޔާގެ 8 މައްސަލައަކާއި، ބުލީ ކުރުމުގެ 5 މައްސަލައިގެ އިތުރުން ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ ވެސް ބަލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އާއިލީ މައްސަލަތަކާއި ބެލެނިވެރިކަމާ ގުޅޭ ގޮތުން ފިރިހެން ކުދިންގެ 7 މައްސަލައަކާއި އަންހެން ކުދިންގެ 6 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ކުދިންނާ ބައްދަލުކުރުމުގެ 6 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް ކުއްޖަކު ސްކޫލަށް ނުފޮނުވި އެއް މައްސަލަ ވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 154 ކުދިން ދަނީ ދިރިއުޅެމުންނެވެ. އޭގެ ތެރޭގައި 91 ފިރިހެން ކުދިންނާއި 63 އަންހެން ކުދިން ހިމެނޭއިރު، ދެ އަންހެން ކުއްޖަކު އަލުން އަނބުރާ އާއިލާއާ ވަނީ ހަވާލުކުރެވިފައެވެ. މީގެއިތުރުން ކުޑަކުދިންގެ ހެލްޕްލައިން (1412) އަށް 1،662 ކޯލް އަދި ސޯޝަލް ސާވިސް ހެލްޕްލައިން (1421) އަށް 511 ކޯލް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން މައުލޫމާތުދެއެވެ.
