ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލުކުރެއްވި ކަމަށް ބުނެ ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައާއި ސަރުކާރާ ދެކޮޅު ޕީއެންއެފްގެ ލީޑާޝިޕްގެ ފަރާތުން ފަތުރާ ވާހަކަތައް އަދީބު ދޮގު ކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީއެންއެފް އިން ބާއްވަމުންދާ ސިލްސިލާ ޖަގަހަ ޖަލްސާތަކުގައި ޑރ. މުހައްމަދު ޖަމީލު އަހްމަދު އަދި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އަންނަނީ ރައީސް މުއިއްޒާއި އަދީބު ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވިދާޅުވީ 2015 ވަނަ އަހަރު އޭނާ ހުރަގޭގައި އޮންނަވަނިކޮށް، 'އެމްއޯޔޫ' ކިޔާ ހަރަކާތް އުފައްދަވާ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އެ ހަރަކާތުގެ އެޑްވައިޒަރަކަށް އޭނާ ލައްވައި އަދި އެ ހަރަކާތުގެ ރައީސަކަށް ހުންނެވީ ޖަމީލު ނޫންތޯ އައްސަވާ، ސުވާލު އުފައްދަވާފައެވެ.
އަދި އެ ޓްވީޓްގައި އަދީބު ވަނީ ޖަމީލާއި އެހެން މަންސަތަކުން ފަތުރާ ޑޮގު ހަބަރަށް ރައްދު ދެއްވައި ރައީސް މުއިއްޒުއާ ބައްދަލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީގޮތުން މަޝްހޫރު ވުމަށް އަދީބުގެ ނަން ބޭނުން ނުކުރެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ މާލީ ހާލަތު ދެނެގަނެ، މާލީ ހާލަތުން އަރައިގަތުމަށް އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް މީގެ ދެދުވަހެއްގެ ކުރިން އަދީބު ވިދާޅުވުމާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އަދީބާއި ސަރުކާރާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރަމުންނެވެ. ގިނަ ބަޔަކު ރައީސް އާއި އަދީބު ބައްދަލުކުރެއްވި ކަމަށް ވާހަކަ ދެއްކި ނަމަވެސް ރައީސް މުއިއްޒުވެސް ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުއަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި މި ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފު ވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އެއާއެކު މިހާރު އޭނާ އަކީ މިނިވަނެކެވެ.